އދ. މަހިބަދޫން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނިކޮށް އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ބަލިމީހާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެއްޖެއެވެ.

މާލެ ގެންގޮސްފައި ވަނިކޮށް ޕޮޒިޓްވި މަހިބަދޫ މީހާއަކީ އުމުރުން 80 އަހަރުން މަތީގެ މީހެކެވެ. އޭނާއަށް މާލެ ގެނެސް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އަދި އޭނާގެ ޓެސްޓު ހަދާފައިވަނީވެސް އެ ހޮސްޕިޓަލުންނެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އދ. އަތޮޅު ހޮސްޕިޓަލުގެ އޮފިސަލަކު ވިދާޅުވީ، އެމީހާގެ ދެވަނަ ޓެސްޓުގެ ނަތީޖާ ކޮވިޑް 19އަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެ ހޮސްޕިޓަލަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާގެ ދެވަނަ ޓެސްޓު ހެދީ އައިޖީއެމްއެޗުން ކަމަށް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެމީހާގެ ކިބައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.