ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެ މައްސަަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ، ކޮމިޓީތަކުން ހުށަަހަޅާ ކަމެއްގެ ގޮތުގައެވެ.

މައުސޫމު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ދިރާސާކޮށް އޭނާ މަގާމުން ވަކިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ފާސްކޮށްފިއެވެ. އަދި އެ މައްސަލަ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

މައުސޫމު މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ރިޝްވަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. އަދި އެ މައްސަލައިގައި އޭނާ މިހާރުވެސް ހުންނެވީ ސަސްޕެންޑްކޮށްފައެވެ.