ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދަން ކޮށްފައިވާ އިއުލާނުގައިވާ މަގާމުގެ އަދަދު ދެ އަކަށް އިތުރު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ކްރިމިނަލް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ބޭފުޅަކު ހޯދަން މި މަހުގެ ހަވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައިވާ އަދަދު ދެ އަކަށް އިތުރު ކުރުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެ މަގާމަށް ޝަރުތު ހަމަވާ މީހުން މިމަހުގެ 16 ވަަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 48،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބު ސަސްޕެންޑުކޮށްފައި ހުއްޓައި މިދިޔަ މަހުގެ ހަވަނަ ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފައިވާ އިރު، މިހާރު ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ރަޝީދު ހުސައިން، ސުޕްރީމް ކޯޓަށް އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު