ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މައުސޫމު އައްޔަންކުރެއްވީ މިމަހުގެ ހަވަނަ ދުވަހުއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު މައުސޫމަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި އެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީ ސްކޫލް އޮފް ޕަބްލިސިޓީން ޑޮކްޓަރު އޮފް ފިލޯސޮފީ ފުރިހަމަކުރެއްވި މައުސޫމަކީ ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ދިވެއްސެވެ. އޭގެ އިތުރުން ހޮޓެލް މެނޭޖްމަންޓު ދާއިރާ އިން މާސްޓާސް ވެސް އޭނާ ހައްދަވާފައިވާ އިރު، މައުސޫމް ވަނީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.

މައުސޫމް އެންމެ ފަހުން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި ކޮމަންވެލްތު އޮފް އޮސްޓްރޭލިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި ނިއުޒިލޭންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން މައުސޫމް ވަނީ އެ މަގާމުތަކުން ވަކިކުރައްވައިފައެވެ.

ޓޫރިޒަމް މިނިސްޓަރަކަށް މައުސޫމް އައްޔަންކުރައްވާފައިވަނީ، ކުރިން އެ މަގާމު ފުރުއްވި އަލީ ވަހީދު މަގާމުން ވަކިކުރެއްވުމާ ގުޅިގެނެވެ. މިދިޔަ މަހުގެ ނުވަވަނަ ދުވަހު އަލީ ވަހީދު މަގާމުން ވަކިކުރީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައެވެ.

އެފަހުން އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާ ހަވާލުކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއެވެ.