2014 ވަނަ އަހަރު އޮގަސްޓު މަހު އަށްވަނަ ދުވަހުގެ ރޭ ވަގަށް ނެގި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު އަވަސްކޮށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީން ގޮވާލައިފި އެވެ.
ރިލްވާން ގެއްލުނުތާ ހައަހަރު ފުރުމާ ގުޅިގެން އެމްއެމްސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ފާއިތުވި އަހަރުތަކުގައި ކަމާބެހޭ މުއައްސަސާ ތަކުން މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކައުންސިލުން ހިތާމަ ކުރާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި ހާދިސާ ހިނގި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެދެވޭ ގޮތެއްގައި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަނަމަ އެކަމުގެ ފުރިހަމަ ހަގީގަތް އެނގޭނެ ކަމަށާއި ފެށުނީއްސުރެ އެދެވޭ ގޮތެއްގައި ތަހުގީގު ކުރިއަށް ގެންދިޔަ ނަމަ މިހާރު އޮންނާނީ މައްސަލައިގެ އިންސާފު ގާއިމު ކުރެވިފައި ކަމަށްވެސް އެމްއެމްސީ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްއެމްސީން ވަނީ މި މައްސަލައާއި ގުޅިގެން މަރު ކޮމިޝަނުން ސިއްރު މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް އެކުލަވައިލައި ދައުލަތުގެ ބައެއް މުއައްސަސާތަކަށް ރިޕޯޓު ފޮނުވާފައިވަނިކޮށް ރިޕޯޓުގައިވާ ސިއްރު މައުލޫމާތުތައް އާންމުވެފައިވާކަން ފާހަގަ ކޮށްފައެވެ. އަދި މި ކަމުގެ ސަބަބުން މައްސަލައިގެ އިންސާފަށް ވާސިލްވުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިކަން މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލުން ނުވަތަ ފަރުވާކުޑަ ކަމުގެ ސަބަބުން ވިޔަސް އެފަދަ މައްސަލައެއްގެ އިންސާފަށް ހުރަސް އެޅޭނެ ފަދަ މައުލޫމާތުތަކެއް އާންމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްއެމްސީން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އެމްއެމްސީން ގޮވާލާފައިވެއެވެ.
މީގެ އިތުރުން ރިލްވާނުގެ މައްސަލަ ތަހުގީގު ކުރަން ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރަކު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް އެމްއެމްސީން މަރުހަބާ ކިޔައިފައިވެއެވެ. އެ އިންވެސްޓިގޭޓަރަށް ވީހާވެސް އަވަހަކަށް ރާއްޖެ އާދެވޭނެ އިންތިޒާމެއް ހަމަޖައްސައިދީ ރިލްވާންގެ މައްސަލައިގެ ތަހުގީހުގައި ފުރިހަމަކުރަން ހުރި ކަންކަން ވީހާވެސް އަވަހަކަށް ފުރިހަމަކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެމްއެމްސީން ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ.
އަހުމަދު ރިލްވާން އަބްދުﷲ
އަހުމަދު ރިލްވާން އަބްދުﷲ
އަހުމަދު ރިލްވާން އަބްދުﷲ