ކުޑަކުދިން ތަފާތު އެކި ކުށްތަކަށް އަރައިގެން ފާއިތުވި ނުވަ އަހަރުތެރޭ 2128 މައްސަލައެއް ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އަށް ހުށަހަޅާފައިވާ ކަމަށް އެ ޔުނިޓުން ބުނެފި އެވެ.

ޖޭޖޭޔޫން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2010 ވަނަ އަހަރުން 2019 ވަނަ އަހަރުގެ ނިޔަލަށް ކުޑަކުދިން ތަފާތު އެކި ކުށްތަކަށް އަރައިގަނެގެން އެ ޔުނިޓަށް 2128 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ގާނޫނާ ހިލާފު ކުށްތަކަށް އަރައިގަނެގެން 1929 ފިރިހެން ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ އިރު، އެ މުއްދަތުގައި 199 އަންހެން ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

ޖޭޖޭޔޫން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކުޑަކުދިން ކުށްކޮށްގެން އެންމެ ގިނައިން ހުށަހެޅިފައި ވަނީ މާރާމާރީ ހިންގުމާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަދި އަންހެންކުދިން ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތައް ހުށަހެޅިފައިވާއިރު، ކުށުގެ ވެއްޓަށް އަލަށް ވަންނަ ކުދިންގެ ތެރެއިން އެންމެ ގިނައީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންގެ މައްސަލަތައް ކަމަށް އެ ޔުނިޓުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޖުވެނައިލް ޖަސްޓިސް ސިސްޓަމް ރަނގަޅު ކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެފައިވާއިރު ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމު މަޖިލީހަށް އެ ބިލު ހުށަހެޅީ ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ހާއްސަ އެހީތެރިކަމަކާއި ރައްކާތެރިކަން ލިބުން ހައްގު ބަޔަކަށްވާއިރު، ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކުރުމުގައި ގެންގުޅެން ޖެހޭނެ ހާއްސަ އުސޫލުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކޮށް، އެ ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ހާއްސަ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ސަރުކާރަށް ފެނިގެންނެވެ.

މި ބިލު ގާނޫނަކަށް ވުމުން، ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމު ކުރެވިގެންދާނެ އެވެ. އަދި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތައް ގާއިމުކުރެވިގެން ދާނެއެވެ.

އެ ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ އުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭނެ އެވެ. އަދި އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތައި 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް ވަނީ ލާޒިމުކޮށްފަ އެވެ.