ބަންގުލަދޭޝްގެ ގައުމީ ފުޓުބޯޅަ ސްކޮޑުގައި ހިމެނޭ 18 ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ބަންގުލަދޭޝް ފުޓުބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ، ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވުމަށް އެކުލަވާލި 36 ކުޅުންތެރިންގެ ސްކޮޑުން ގިނަ ކުޅުންތެރިންތަކެއް ޕޮޒިޓިވްވިކަން އެނގުނީ ޓްރެއިނިން ކޭމްޕު ފެށުމުގެ ކުރިން ކުރިއަށް ގެންދިޔަ ޓެސްޓު ތަކުން ކަމަށެވެ.

އެގޮތުން ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޓެސްޓުތަކުގެ ފުރަތަމަ ބުރުގައި 11 ކުޅުންތެރިން އަދި ދެވަނަ ގުރޫޕުން ހަތް ކުޅުންތެރިއަކު ޕޮޒިޓިވްވެފައިވާއިރު ތިން ވަނަ ގުރޫޕު ޓެސްޓުތަކުގެ ނަތީޖާ އަދި ލިބިފައެއް ނުވެ އެވެ.

މި ޓެސްޓުތަކުގައި ކުޅުންތެރިންގެ އިތުރުން ސްކޮޑުގެ އޮފިޝަލުން ވެސް ވަނީ ކޮވިޑަށް ޓެސްޓުކޮށްފަ އެވެ. ނަމަވެސް އެއްވެސް އޮފިޝަލެއް ޕޮޒިޓިވްވެފައެއް ނުވެ އެވެ.

ބީއެފްއެފުން ބުނީ، ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ކުޅުންތެރިން މިހާރު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިއީ ކޮވިޑަށް ގައުމީ ޓީމެއްގެ މިހާ ގިނަ އަދަދެއްގެ ކުޅުންތެރިން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.