2014 ވަނަ އަހަރު އޮގަސްޓު މަހު އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ހުރަސްތަކެއް ހުރި ނަމަވެސް އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިލްވާން ގެއްލުނުތާ މިއަދަށް ހަ އަހަރު ފުރުމާ ގުޅިގެން ރައީސް އަތްޕުޅުން ލިޔުއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ. އަދި އާއިލާގެ އެދުމާއި އެއްގޮތަށް، ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމުގައި އިތުބާރު ކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ހުރަސްތަކާއި ދަތިތަކާއެކު ވެސް އެމައްސަލައަށް އިންސާފު ހޯދުމަށް ﷲ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު، ރިލްވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާތީވެ، އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިލްވާންގެ އާއިލާއިން ބުނީ މި ސަރުކާރު ވެރިކަމަށް އައީ ރިލްވާން އާއި ޔާމީންގެ ނަން ބޭނުން ކޮށްގެން ކަމަށާއި އެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް ފެއިލް ވެފައިވާތީ ކަމަށް ބުނެފަ އެވެ.
2014 ވަނަ އަހަރު އޮގަސްޓުމަހުގެ އަށްވަނަ ދުވަހުގެ ރޭ ރިލްވާން ވަގަށް ނަގައިފައިވަނީ ހުޅުމާލެއިން އޭނާ ދިރިއުޅޭ ގޭގެ ކައިރިންނެވެ. މަރު ކޮމިޝަނުން ވަނީ އެ ރޭ ރިލްވާން ގަދަ ކަމުން ކާރަށް އަރުވައިގެން، ހުޅުމާލޭ ފަޅުގައި އަޅާފައިވާ ޑިންގީއަކަށް ގެންދިޔަކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ޑިންގީގައި އޭނާ އިތުރު އުޅަނދަކަށް ގެންދިޔަ ކަމަށާއި، އޭނާ މަރާލީ އެ އުޅަނދުގައި ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު