ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ހޯމް އައިސޮލޭޝަންގެ ގަވައިދާ ހިލާފުވުމުން ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް ޖޫރިމަނާކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ކޮވިޑް 19 އަށް ޕޮޒިޓިވް ވި ޒަވީ ވަނީ އޭގެ ހަ ދުވަސް ފަހުން ބަލިން ރަނގަޅު ވެއްޖެ ކަމަށް ބުނެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ހުއްދައަކާ ނުލައި ފަރިތަކުރުންތަކަށް ނުކުތުމުން 2،700 ޑޮލަރުން ޒަވީ ވަނީ ޖޫރިމަނާ ކޮށްފައެވެ.

ގަތަރު ލީގުގެ ކުޅުން ފަށައިފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ގަވާއިދުގެ ދަށުން ހުރިހާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓް ކުރުމަށް ފަހުއެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ޒަވީ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. ބާސެލޯނާ އާއި ސްޕެއިންގެ ގައުމީ ޓީމަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައިވާ ޒަވީ ވަނީ ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް އަލް ސާދު އާ އެކު ހަދައިފައިވާ އެއްބަސްވުން އާ ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިހެއް ދިނުމަށްފަހު އޭނާ ބޭނުން ވާ ކްލަބަކަށް ބަދަލު ވެވޭގޮތަށް ވަނީ ހިމަނައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޒަވީ އޭނާގެ ކުރީގެ ކްލަބު ކަމަށްވާ ބާސެލޯނާގެ ކޯޗްކަމާ ހަވާލުވުމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.