ކޮންމެ ބޮޑު އީދަކަށް ހާއްސަކޮށްގެން ދ. މާއެނބޫދޫގައި ބާއްވާ އީދު ކަޕްގެ ފައިނަލް މެޗުގައި 1-0 ގެ ނަތީޖާ އަކުން އެމްއެފްސީ ބަލިކޮށް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޒެނިތުން ހޯދައިފި އެވެ.
އިއްޔެ ހަވީރު މާއެނބޫދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗްގައި ޖެހި ހަމަ އެކަނި ގޯލް ކާމިޔާބުކޮށް، ޒެނިތަށް މި މުބާރާތް ކާމިޔާބުކޮށްދިނީ އެޓީމުގެ އާލިމް އަލީ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ މެޗްގެ 28 ވަނަ މިނެޓުގައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިދިން މުހައްމަދު ރަޝީދެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ދ. އަތޮޅުގެ ކައުންސިލްގެ ރައީސް އަހްމަދު ޝާފިއު އާއި މާއެނބޫދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިރާޖު އާއި މާއެނބޫދޫ ކައުންސިލްގެ ނައިބު ރައީސް ހިލްމާ ހަލީލު އެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމްއެފްސީގެ ޝާމް ރަޝީދެވެ.
މުބާރާތުގެ އެންމެ މޮޅު ނުވަ ކުޅުންތެރިންނަށް ހޮވިފައިވަނީ ޒެނިތު ޓީމުގެ އަލީ ޝާކިރު، އަހްމަދު ނިޒާމް އަދި އެޓީމުގެ އާލިމް އަލީއެވެ. މިލިސްޓުގައި ބަޔާން މަނިކްގެ ހަތަރު ކުޅުންތެރިން ވަނީ ހިމެނިފައެވެ. އެއީ އަމިލް އަލީ އާއި އަހްމަދު އީމާން، އަކްރަމް އަހްމަދުގެ އިތުރުން މުހައްމަދު ޝާހް އެވެ. ދެން ހިމެނެނީ ހަބޭސް ޓީމުގެ އަލީ ސާމިއު އާއި އަޒްހާން ނަސީރެވެ.
ނައިން އަ ސައިޑްކޮށް ކުޅުނު މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ގޮތުގައި ހޮވުނީ ޒެނިތުގެ ދުންޔާ އަމީން އާއި ހަބޭސްގެ އަލީ ސާމިއު އެވެ. ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފެއާ ޕްލޭޓީމަކަށް އޯޓޫ ހޮވިފައިވާއިރު ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ޒުވާން ގިނަ ކުޅުންތެރިން ހިމެނޭ އެމްއެފްސީ އެވެ. އެޓީމުގެ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންގެ އެވްރެޖް އުމުރަކީ 19 އަހަރުން ދަށެވެ.
މިދިޔަ އަހަރު އީދުގެ ފުޓުބޯޅަ މުބާރާތް މާއެނބޫދޫ ކައުންސިލުން އިންތިޒާމުކުރި ނަމަވެސް، މިފަހަރުގެ އީދު ކަޕް ބާއްވަނީ އެ ރަށު ޒުވާނުން އިސްނަގައިގެންނެވެ. މި މުބާރާތަކީ މާއެނބޫދޫގައި އީދުގެ އުފާ ފާހަގަކުރުމުގެ އިތުރުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ، ފެއާޕްލޭ ޓީމު، އެންމެ މޮޅު ގޯލްކީޕަރު ހިމެނޭހެން އެންމެ މޮޅު ނުވަ ކުޅުންތެރިން ހޮވައި ފައިސާގެ އިނާމު ދޭގޮތަށް ހަމަޖެހިފައިވެއެވެ.
ބޮޑު އީދާ ގުޅިގެން މާއެނބޫދޫގައި ބާއްވަމުން އަންނަ އީދު ކަޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް ދުވަސްވީ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް އެކި ދުވަސްވަރު އިންތިޒާމްކޮށްފައިވަނީ އެކި ފަރާތްތަކުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު