ދ. މާއެނބޫދޫ

މާއެނބޫދޫ އީދު ކަޕް: ޕެނަލްޓީ ޖަހައިގެން ބަޔާން މަނިކް ބަލިކޮށް ޒެނިތު ފައިނަލަށް

އައިދާ އަބްދުލް ހަކީމް

ކޮންމެ ބޮޑު އީދަކަށް ހާއްސަކޮށްގެން ދ. މާއެނބޫދޫގައި ބާއްވާ އީދު ކަޕްގެ ދެވަނަ ސެމީގައި ޕެނަލްޓީ ޖަހައިގެން ބަޔާން މަނިކް ބަލިކޮށް ޒެނިތު ފައިނަލަށް ދަތުރުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ފުރިިހަމަ ވަގުތު ހަމަވި އިރުވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާތީ ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ލަނޑެއް ކާމިޔާބު ނުކުރެވުމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި 6-5ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ ހޯދީ ޒެނިތެވެ. ޒެނިތުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އާލިމް އަލީ، އިބްރާހިމް އަފްޒަލް، ނާޝިދު އާދަމް، އަހުމަދު ނިޒާމް، ދުންޔާ އަމީންގެ އިތުރުން މުހައްމަދު އިލްހާމްއެވެ.

ބަޔާން މަނިކުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަހުމަދު އީމާން، ނޫރުއްﷲ މުފީދު، އާލިމް އަލީ، އަހުމަދު ރީހާން އަދި ޝާރިފް އަލީ ނަސީރެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ދެވަނަ ސެމީގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒެނިތުގެ އަލީ ޝާހިރުއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. ފައިނަލް މެޗުގައި ބައްދަލުކުރާނީ އެމްއެފްސީ އާއި ޒެނިތެވެ.

މިދިޔަ އަހަރު އީދުގެ ފުޓުބޯޅަ މުބާރާތް މާއެނބޫދޫ ކައުންސިލުން އިންތިޒާމުކުރި ނަމަވެސް، މިފަހަރުގެ އީދު ކަޕް ބާއްވަނީ އެ ރަށު ޒުވާނުން އިސްނަގައިގެންނެވެ. މި މުބާރާތަކީ މާއެނބޫދޫގައި އީދުގެ އުފާ ފާހަގަކުރުމުގެ އިތުރުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ، ފެއާޕްލޭ ޓީމު، އެންމެ މޮޅު ގޯލްކީޕަރު ހިމެނޭހެން އެންމެ މޮޅު ނުވަ ކުޅުންތެރިން ހޮވައި ފައިސާގެ އިނާމު ދޭގޮތަށް ހަމަޖެހިފައިވެއެވެ.

ބޮޑު އީދާ ގުޅިގެން މާއެނބޫދޫގައި ބާއްވަމުން އަންނަ އީދު ކަޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް ދުވަސްވީ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް އެކި ދުވަސްވަރު އިންތިޒާމްކޮށްފައިވަނީ އެކި ފަރާތްތަކުންނެވެ.