ސްރީލަންކާގައި އިއްޔެ ބޭއްވި އާންމު އިންތިހާބު ރައީސް ގޮތަބަޔާ އާއިި ބޮޑުވަޒީރު އަދި ރައީސް ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް އެ ދެބޭފުޅުންނަށް މަރުހަބާ ދަންނަވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ކާމިޔާބާއެކު އެގައުމު އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށެވެ. އަދި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މަހިންދަ ރާޖަޕަކްސަ ވަނީ ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަޝީމަށް ޝުކުރު އަދާކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ. މަހިންދަ ވިދާޅުވީ ދެގައުމުގެ ތަރައްގީއަށާއި ގުޅުން ހުރި ކަންކަމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ލަންކާގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ހާމަވެފައިވާ ގޮތުގައި މިހާތަނަށް 211 ގޮނޑިއެއްގެ ނަތީޖާ ސާފުވެ އޭގެ ތެރެއިން 141 ގޮނޑި ކާމިޔާބުކޮށްފައިވަނީ ރާޖަޕަކްސަގެ އެސްއެލްޕީޕީ އިންނެވެ. ރިޔާސީ އިންތިހާބުގައި ގޯޓާބަޔައާ ވާދަކުރެއްވި ސަޖިތު ޕްރޭމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓަށް ލިބިފައިވަނީ 50 ގޮނޑިއެވެ.
ލަންކާގައި އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވިއެވެ. ކޮވިޑްގެ ސަބަބުން ދެ ފަހަރަށް މި އިންތިހާބު ވަނީ ފަސްކޮށްފައެވެ.
ލަންކާގެ ޕާލަމެންޓްގައި 225 މެމްބަރުން ތިއްބަވައެވެ. ޕާލަމެންޓްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބޭނީ 150 އަށްވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ.
އެ އިންތިހާބުގައި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އަށް އެންމެ ގޮނޑިއެއްވެސް ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު