ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޑޫ ސިޓީ މަރަދޫ މޫންލައިޓް ހައުސް، އާމިނަތު އުއްމުކުލްސޫމް މިއަދު އައްޔަނުކުރައްވައިފިއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، އެކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، އުންމުކުލްސޫމް ވަނީ ރައީސްގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ އުއްމުކުލްސޫމަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރެވެ.

މިރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އުއްމުކުލްސޫމާއި ހަވާލުކުރައްވައިފައެވެ.

އުއްމުކުލްސޫމް ވަނީ އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަސިޓީން ޕްރޮޖެކްޓް ޕްލޭނިން އެންޑް މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ސެންޓަ ފޯ ދި އާޓްސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައެވެ.

އުއްމުކުލްސޫމް މީގެ ކުރިން ވަނީ، ހެލްތު މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތައްވެސް ފުރުއްވައިފައެވެ.