ކުޅިވަރު

މާއެނބޫދޫ އީދު ކަޕް: ޕެނަލްޓީ ޖަހައިގެން ހަބޭސް ބަލިކޮށް އެމްއެފްސީ ފައިނަލަށް

އައިދާ އަބްދުލް ހަކީމް

ކޮންމެ ބޮޑު އީދަކަ ށް ހާއްސަކޮށްގެން ދ. މާއެނބޫދޫގައި ބާއްވާ އީދު ކަޕްގެ ފުރަތަމަ ސެމީގައި ޕެނަލްޓީ ޖަހައިގެން ހަބޭސް ބަލިކޮށް އެމްއެފްސީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗްގެ ފުރިިހަމަ ވަގުތު ހަމަވި އިރުވެސް ދެޓީމުން ކުރެ އެއްޓީމަކަށް ވެސް ލަނޑެއްކާމިޔާބު ކުރެވިފައި ނުވާތީ ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް ލަނޑެއް ކާމިޔާބު ނުކުރެވުމުން މެޗްގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެން ނެވެ.

ހަބޭސްއިން ޖެހި ފަސް ޕެނަލްޓީ ފޮނުވާލާފައިވަނީ އަލީ ސާމިއު އާއި މާރިފް އަލީ، އައިމަން ރަޝީދު، މުހައްމަދު ޝިފާން އަދި މޫސާ ނައީމް އެވެ. އެއްވެސް ޕެނަލްޓީއެއް ގޯލަށް ވައްދައިލެވޭ ގޮތްވަނީ ނުވެފައެވެ.

އެމްއެފްސީން ޖެހި ހަތަރު ޕެނަލްޓީން ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ. އެމްއެފްސީ ފައިނަލަށް ގެންގޮސްދިނީ އަހްމަދު ޝައިހާން އެވެ. އެމްއެފްސީގެ ބާކީ ތިން ޕެނަލްޓީ ޖެހީ އަހްމަދު ޝިޔާމް އާއި އަހްމަދު އަބްދުލް ހަކީމްގެ އިތުރުން އަހްމަދު ޔަޝައު އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ސެމީގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމްއެފްސީގެ ޝަމް ރަޝީދެވެ. މި މުބާރާތުގެ ދެވަނަ ސެމީގައި މިއަދު ބައްދަލު ކުރާނީ ޒެނިތު އާއި ބަޔާން މަނިކް އެވެ. ފައިނަލް މެޗް ކުޅުމަށް ހަމަ ޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

މިދިޔަ އަހަރު އީދުގެ ފުޓުބޯޅަ މުބާރާތް އިންތިޒާމްކޮށްފައި ވަނީ މާއެނބޫދޫ ކައުންސިލުންނެވެ. މި ފަހަރުގެ އީދުކަޕް ބާއްވަނީ އެ ރަށު ޒުވާނުން އިސްނަގައިގެންނެވެ. މި މުބާރާތަކީ މާއެނބޫދޫގައި އީދުގެ އުފާ ފާހަގަކުރުމުގެ އިތުރުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ، ފެއާޕްލޭ ޓީމް، އެންމެ މޮޅު ގޯލްކީޕަރު ހިމެނޭހެން އެންމެ މޮޅު ނުވަ ކުޅުންތެރިން ހޮވައި ފައިސާގެ އިނާމު ދޭގޮތަށް ހަމަޖެހިފައި ވެއެވެ.

ބޮޑު އީދާ ގުޅިގެން މާއެނބޫދޫގައި ބާއްވަމުން އަންނަ އީދުކަޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް ދުވަސްވީ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް އެކި ދުވަސްވަރު އިންތިޒާމްކޮށްފައި ވަނީ އެކި ފަރާތުންނެވެ.