މުނިފޫހިފިލުވުން

މުޅި ބޮލީވުޑް ގުޑުވައިލި ސުޝާންތުގެ މަރުގެ މައްސަލަ ސީބީއައި އިން ތަހުގީގުކުރަން ފަށައިފި

މުޅި ބޮލީވުޑް ގުޑުވައިލި ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ، އިންޑިއާގެ އެންމެ މަތީ ތަހުގީގީ އިދާރާ ކަމަށްވާ ދަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ތަހުގީގުކުރަން ފަށައިފި އެވެ.

އުމުރުން 34 އަހަރުގެ ސުޝާންތު ދަންޖެހިފައި ހުއްޓައި ފެނިފައި ވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ ދިރިއުޅޭ އެޕާޓްމެންޓްގަ އެވެ. ލޯކަލް ފުލުހުން އެއިރު ވަނީ ސުޝާންތު މަރުވެފައި ވަނީ އަމިއްލަޔަށް ދަން ޖެހިގެން ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މަރާއި ގުޅިގެން ފަހުން އުފެދުނު ސުވާލު ތަކާ ގުޅިގެން މުޅި ބޮލީވުޑް ވަނީ ގުޑައިފައެވެ. އެ ގޮތުން ސުޝާންތުގެ މަރާ ގުޅޭ ގޮތުން ތަފާތު އެކި ކަހަލަ ވާހަކަތައް ވަނީ ފެންމަތި ވެފައެވެ.

ސުޝާންތު މަރުވި އިރު، އޭނާ ދިޔައީ ނަފުސާނީ މައްސަލަތަކަށް ފަރުވާ ކުރަމުން ކަމަށާއި އެކަމަށް ބޭސްވެސް ބޭނުންކުރަމުން ދިޔަ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފަ އެވެ. އަދި ބޮލީވުޑްގައި މަޝްހޫރު މީހުންގެ މީހުންގެ އާއިލާތަކަށް ފުރުސަތު ދީ، އެނޫން މީހުން އެކަހެރިކޮށް ނިކަމެތި ކުރުމުގެ ސަގާފަތު ވަރަށް ބޮޑު ވެފައި ވާތީ އެކަމާވެސް ސުޝާންތު ވަރަށް ބޮޑަށް މާޔޫސްވެފައި ހުރި ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން އާއިލާގެ ފަރާތުން ވަނީ ސުޝާންތުގެ ލޯބިވެރިޔާ، ރިޔާ ޗަކްރަބޮތީ ގެ މައްޗަށް ވެސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެހެން ނަމަވެސް ރިއާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ސުޝާންތު ރިއާއަށް ވަރަށް ގިނަ ތަކެތި ގަނެދީފައިވާ ކަމަށާއި ސުޝާންތުގެ އެކައުންޓުން ބޮޑެތި އަދަދުތަކުން ފައިސާ ރިއާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެހެން ކަމުން ސުޝާންތުގެ މަރާގުޅޭ ގޮތުން އެންމެ ގިނަ ބަޔަކު ތުހުމަތު ކުރާ އެކަކީ ރިއާ އެވެ.

މި ތަހުގީގާ ގުޅޭ ގޮތުން ސީބީއައި އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.