މިދިޔަ ސީޒަނުގައި ބޯންމައުތާއެކު މޮޅު ކުޅުމެއް ދެއްކި ނޭތަން ބެންޖަމިން އަކޭ މެންޗެސްޓާ ސިޓީއާ ގުޅިއްޖެއެވެ.

އުމުރުން 25 އަހަރުގެ އަކޭ ސީޓީއާ ގުޅުމަށްފަހު ކުރި ޓުވީޓެއްގައި ބުނީ ސިޓީއާ ގުޅުމުން ވަރަށް އުފާކުރާ ކަމަށާއި އަދި ސިޓީގެ ޖާޒީގައި އަންނަ ސީޒަން ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން އަކޭ ބުނެފައިވަނީ ބޯންމައުތުގައި ހޭދަވި ދުވަސްތަކަކީ ވަރަށް ހިތްހަމަޖެހޭ ދުވަސްތަކެއް ކަމަށާއި އަދި ކްލަބުގައި ހޭދަވި ދުވަސްތަކުގައި އޭނާއަށް އެހީތެރިވި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނެދަލެންޑްގެ ގައުމީ ޓީމުގެ ޑިފެންޑަރު އަކޭ ސީޓީއާ ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން 40 މިލިއަން ޕައުންޑުގެ އަގަކަށެވެ.

2012 ވަނަ އަހަރު ޗެލްސީން ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށުމަށްފަހު، ލޯން އެއްބަސްވުމެއްގެ ދަށުން 2015 ވަނަ އަހަރު ވެޓްފޯޑަށް ކުޅުމަށްފަހު އަކޭ ބޯންމައުތަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. މިހާތަނަށް އަކޭ ވަނީ ބޯންމައުތަށް އަށް ގޯލް ޖަހައިދީ 105 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީ 13 ލަނޑު ޖެހުމަށް އަކޭ ވަނީ އެހީތެރިވެދީފައެވެ. އޭނާ ވަނީ ނެދަލެންޑްސްގެ 15 އަހަރުން ދަށުގެ ގައުމީ ޓީމާއި 16، 17، 19 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.