ޚަބަރު

ރައްކާތެރިކަމުގެ ވަސީލަތްތައް ގާއިމްކުރުމަށް އެމެރިކާ އާއި ޔުނިސެފް ގުޅިގެން 11.5 މިލިއަން ރުފިޔާގެ އެހީ ދީފި

އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލްތަކުގައި ކޮވިޑުން ރައްކާތެރިކަމުގެ ވަސީލަތްތައް ގާއިމް ކުރުމަށް އެމެރިކާ އާއި ޔުނިސެފް ގުޅިގެން ރާއްޖެއަށް 750،000 ޑޮލަރު (11.5 މިލިއަން ރުފިޔާ) ގެ އެހީ ދީފިއެވެ.

އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވެފައި ވަނީ، އެ އެހީއަކީ، ދިވެހިންގެ ސިއްހަތާއި ރައްކާތެރިކަމަށް އެމެރިކާ އިން އަބަދު ވެސް އެހީތެރިވާނެ ކަމުގެ ހެއްކެއް ކަމަށެވެ.

އެމެރިކާއިން ރާއްޖެއަށް ދިން މި އެހީއަށް، ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑރ، މުނީރު އޭ ސަފީލްދިން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، މި ދަނޑިވަޅަކީ، މިއީ ލޮކްޑައުން ލުއިކޮށް، ސްކޫލްތަކާއި އެހެނިހެން ތަންތަން އަލުން ހުޅުވަން މަސައްކަތްކުރަމުން އަންނަ ދުވަސްވަރަކަށް ވާތީ މި ދަނޑިވަޅަކީ އެފަދަ އެހީއަކަށް އެންމެ ބޭނުން ދަނޑިވަޅު ކަމަށެވެ.

މި އެހީ ބޭނުން ކުރަން ކަނޑައަޅައިފައި ވަނީ އިޖުތިމާއީ ގުޅުމާއި ސްކޫލްތައް އަލުން ހުޅުވާއިރު ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އޭގެ ތެރޭގައި ސާފު ފެނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ފޯރުކޮށްދިނުން ހިމެނެ އެވެ.

މި ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔުނިސެފާއި ދިވެހި ސަރުކާރުން ގުޅިގެންނެވެ.