ކޮވިޑް 19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އިއްޔެ ހާއްސަ ފިޔަވަޅުތަކެއް ނެރެފައިވުމުން، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތުގެ މަތިން މާލެ ސިޓީއަށް އަތޮޅުތަކުން އަންނަ އުޅަނދުތައް ލަފާފުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި އެ ސަރަހައްދުތައް މާލެ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަތޮޅުތަކުން މާލެ އަންނަ ދޯނިފަހަރު ލަފާފުރުމުގައި ބޭނުން ކުރެވޭނީ މާލެ ނޯތު ހާބަރު ސަރަހައްދާއި ޓީޖެޓީ ސަރަހައްދު ކަމަށެވެ.

މީގެ އިތުރުން އަތޮޅުތަކުން މާލެއަށް އަންނަ، އަދި މާލެއިން ފުރާ ސްޕީޑް ލޯންޗުތައް ބޭނުން ކުރުމަށް ހަމަޖައްސާފައިވަނީ މާލެ އެއް ނަންބަރު ޖެޓީ (އެމްއެމްއޭ ކުރިމަތީ ފަޅު) ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރު ލަފާފުރުމަށް ހުޅުމާލެ ބަނދަރު ބޭނުން ކުރެވޭނެ ކަމަށާއި، އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރުތަކަށް ތިލަފުށީ ބަނދަރު ބޭނުން ކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު ބޭނުން ކުރަން ހަމަޖައްސާފައިވަނީ ބޭން އޮފް މޯލްޑިވްސް ކުރިމަތީ ފަޅު ކަމަށްވާ މާލެ 05 ނަމްބަރު ޖެޓީ އަދި 06 ނަމްބަރު ޖެޓީ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ނިންމުމަކީ އެ ކައުންސިލުން އިތުރު ވަކި ގޮތެއް އަންގަންދެން ލަފާފުރުމުގައި އަމަލު ކުރަންވީ ގޮތުގެ ނިންމުމެއް ކަމަށެވެ.