ކުޅިވަރު

އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑިބާލާ އަށް

އައިދާ އަބްދުލް ހަކީމް

އިޓާލީގެ "ސެރީ އާ"ގެ މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ ހޯދައިފިއެވެ.

އިޓަލީގެ ލީގުން އިންޑަވިޖުއަލް މަގާމުތަކަށް ހޮވުނު ކުޅުންތެރިންގެ ނަންތައް އިއްޔެ އިއުލާން ކޮށްފައިވާއިރު، ޑިބާލާ އާ އެންމެ ގާތުން މިމަގާމަށް ވާދަކުރީ ޔުވެންޓަސްގެ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭއެވެ. މިސީޒަނުގައި ޑިބާލާ ވަނީ އިޓާލިއަން ލީގުގައި 11 ލަނޑު ކާމިޔާބުކޮށް، 11 ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައެވެ.

އިންޑަވިޖުއަލް މަގާމުތަކަށް ހޮވުނު ކުޅުންތެރިންގެ ނަންތައް އިއުލާން ކުރައްވަމުން ސެރީ އޭގެ ސީއީއޯ ލުއީޖީ ޑި ސިއޭވޯ ވިދާޅުވީ އިންޑަވިޖުއަލް މަގާމުތައް ހޮވުމުގައި ބަލައިފައިވަނީ ހުރިހާ މެޗެއްގައި އެއްވަރަށް ޕާފޯމް ކުރި ކުޅުންތެރިންނަށް ކަމަށެވެ.

ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ޕާމާގެ ކްލްސެވިސްކީ ހޯދައިފައިވާއިރު، އެންމެ މޮޅު ފޯވަޑަކަށް ހޮވިފައި ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ލާޒިއޯގެ ޗީރޯ އިމްމޯބިލޭ އެވެ. އޭނާ ވަނީ މި ސީޒަންގައި ލީގުގައި 36 ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޔޫރަޕްގެ ރަން ބޫޓް އެވޯޑް ވެސް އޭނާއަށް ވަނީ ލިބިފައެވެ.

ޔުވެންޓަސްއިން ވަނީ މި ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. މިއީ އެޓީމުން ޖެހިޖެހިގެން އިޓާލިއަން ލީގު ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. އެހެންކަމުން ޔުވެންޓަސްއިން ވަނީ ޔޫރަޕްގެ ބޮޑު ފަސް ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗު ލީގުގައި މިހާތަނަށް ޖެހިޖެހިގެން އެންމެ ގިނަ ފަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީމުގެ ޝަރަފު ހޯދައިފައެވެ.