މިފްކޯ

މާލެއާއި ހުޅުމާލޭގައި ހުންނަ މިފްކޯ މަސް ފިހާރަތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ސަރުކާރުން އަޅައިފައިވާ އިތުރު ފިޔަވަޅުތަކާ ގުޅިގެން މާލެއާއި ހުޅުމާލޭގައި ހުންނަ މިފްކޯ މަސް ފިހާރަތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މިފްކޯއިން މައުލޫމާތުދޭ ގޮތުގައި މި ބަދަލަކީ އެ ކުންފުނިން ވަކި ގޮތެއް އަންގަންދެން ގެނެސްފައިވާ ބަދަލުތަކެކެވެ.

އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މާލެ އަދި ހުޅުމާލޭގެ މިފްކޯ މަސް ފިހާރަތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން 12:00 އަށް، މެންދުރު 13:00 އިން 15:00 އަށް އަދި ހަވީރު 16:00 އިން ރޭގަނޑު 21:00 އަށް ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ހުކުރު ދުވަހު މިފްކޯގެ މަސް ފިހާރަތައް ބަންދުވާނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. ކޮންމެ ނަމާދު ގަޑިއަކަށް 30 މިނެޓަށް މިފްކޯގެ މަސް ފިހާރަތައް ބަންދު ކުރާނެ ކަމަށްވެސް މިފްކޯ އިން މައުލޫމާތު ދެއެވެ.

މިފްކޯއިން ވަނީ އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރި ކުރައްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައެވެ.

ކޮވިޑް 19އާއި ގުޅިގެން މިހާރުގެ ހާލަތަށް ބަލައި ސަރުކާރުން އެޅި އިތުރު ފިޔަވަޅުތަކުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމައިފައެވެ. އަދި ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ރޭގަނޑު 9:30 އަށް ބަންދު ކުރަންވެ3ސް ސަރުކާރުން ވަނީ އަންގައިފައެވެ.