ކާފިއުގެ ވަގުތުތަކުގައިވެސް ނޫސްވެރިންނަށް ފާހާއެކު ބޭރުގައި އުޅެވޭނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

މީޑިއާ ކައުންސިލުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހަލުވިކަމާއެކު ކޮވިޑް 19 ފެތުރޭތީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އަލަށް އެޅި ފިޔަވަޅުތަކާއެކު ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ހަމައަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ ކަމަށެވެ.

ނަމަވެސް ނޫސްވެރިންނަކީ ގައުމަށް ދިމާވާ ކޮންމެ ހާލަތެއްގައިވެސް އެންމެ ކުރީ ސަފުގައި ހަބަރާއި މައުލޫމާތު ހޯދައި އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަންޖެހޭ ބަޔަކަށްވާތީ، ނޫސްވެރިން މި ހާލަތުގައިވެސް މަގުމަތީގައްޔާއި އާއްމު ތަންތާނގައި ހަރަކާތްތެރިވާން ޖެހޭ ކަމަށް އެމްއެމްސީން ބުނެފައިވެއެވެ.

"ކޮވިޑް 19ގެ ބަލިމަޑުކަން ރާއްޖެއިން ފެށުނީއްސުރެ މިކަމާ ގުޅޭ ހަބަރާއި މައުލޫމާތު އާންމުންނާ ހަމައަށް ގެނެސްދިނުމުގައި މިހާތަނަށް ދިވެހި ނޫސްވެރިން ކޮށްފައިވަނީ ފުރިހަމަ ގައުމީ މަސައްކަތެކެވެ..،" އެމްއެމްސީގެ ބަޔާނުގައިވެއެވެ.

މާލޭ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުން މަނާ ވަގުތުތަކުގައިވެސް ނޫސްވެރިންނަށް، އެ ނޫސްވެރިޔަކު ނިސްބަތްވާ މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ޔަގީންކޮށްދީފައިވާ ކަމަށް ވެސް އެމްއެމްސީން ބުނެފައިވެއެވެ.

ނޫސްވެރިކަމުގެ މަސައްކަތް ކުރާއިރުވެސް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ފާހުގެ އަގު ހިފެހެއްޓުމުގެ ގޮތުން އެ ފާސް ނަހަމަގޮތުގައި ބޭނުން ނުކުރުމަށް ވެސް އެމްއެމްސީން އިލްތިމާސްކުރެއެވެ.