ފަރުވާދެމުން ދަނިކޮށް މަރުވި ޔަމަނުގެ ޔާސިރު ޔަހްޔާގެ މައްޗަށް ދައުލަތުން ކުރި ތުހުމަތުތުގައި އެއްވެސް އަސާސެއް ނެތް ކަމަށް ޔާސިރުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ސަރީއަތަކާއި ނުލައި އެއްވެސް ދައުވާއެއް އުފުލުމެއް ނެތި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ގައިރު ގާނޫނީ ބަންދެއްގައި ގެންގުޅެމުން ދަނިކޮށް ހާލު ދެރަވެގެން 2 އޮގަސްޓް 2020 ގައި އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ޔާސިރުގެ މަރާއި ގުޅިގެން ދައުލަތުގެ ތިން އިދާރާއިން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޔާސިރުގެ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނުގައި ބުނީ، ޔާސިރު މަރުވުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އެންމެ އަސާސީ އިންސާނީ ހައްގުތަކުން އޭނާ މަހްރޫމްކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ވަކީލުންގެ ބަޔާނުގައި ބުނީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނޫ އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ހައްގުތަކުން މަހްރޫމްކޮށް، ޝަރީއަތަކާ ނުލައި ބަންދުކޮށްފައި ހުރި ޔާސިރު ޔަހްޔާއަށް ލިބެމުން ދިޔަ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން އެކަމާ ދެކޮޅަށް ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން ޔާސިރު ޔަހްޔާގެ ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި އެންމެ ފުރަތަމަ އެޑްމިޓް ކުރީ 14 ޖުލައި 2020 ގައި ކަމަށެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ 2 ދުވަސް ފަހުން، ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑިޓެންޝަން ސެންޓަރަށް ބަދަލުކުރި ކަމަށާއި އޭގެ ފަހުން ޔާސިރުގެ ސިއްހީ ހާލު އިތުރަށް ގޯސްވުމާ ގުޅިގެން 21 ޖުލައި 2020ގައި ދެވަނަ ފަހަރަށް އައިޖީއެމްއެޗްގައި އެޑްމިޓްކުރި ކަމަށެވެ.

ދެވަނަ ފަހަރަށް އެޑްމިޓްކުރިފަހުން 21 ޖުލައި 2020 ގައި ޔާސިރުގެ ހާލު ގޯސްވެފައިވަނީ ސްޓްރޯކެއް ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށާއި އެޑްމިޓް ކުރިފަހުން 24 ޖުލައި 2020 ގައި ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށާއި 25 ޖުލައިގައި ހެދި އެމްއާރްއައި ސްކޭނުން ސިނކުޑިއަށް ލޭ އެޅިފައިވާކަން އެނގިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދާއިމީ ގެއްލުންތަކެއް ލިބިދާނެ ކަމަށް ލަފާކުރެވޭ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން އާއިލާއަށް މައުލޫމާތު ދީފައިވާ ކަމުގައިވެސް ބަޔާނުގައި ވެއެވެ. އޭގެ ފަހުން ޔާސިރަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ މިމަހުގެ 2 ވަނަ ދުވަހުއެވެ

2014 ވަނަ އަހަރު ޔާސިރު ޔަހްޔާ ރާއްޖެއަށް އެތެރެވިފަހުން ގިނަ ގައުމުތަކެއްގެ އިންޓެލިޖެންސް އިދާރާތަކަކުން އޭނާއަކީ ނުރައްކާތެރި ނިރުބަވެރި ޖަމާއަތަކަށް ނިސްބަތްވާ އިސް މީހެއްކަން ބަޔާންކޮށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކައުންޓާ ޓެރަރިޒަމްއަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި ޔަހްޔާއަށް ފުލުހުން ފާރަލަމުން ދިޔަކަމަށް ދައުލަތުގެ 3 އިދާރާއަކުން ގުޅިގެން ނެރެފައިވާ ނޫސް ބަޔާނުގައި ބުނި ނަމަވެސް އޭނާއަށް ކުރާ ތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތް ކަމަށް ވަކީލުން ބުނެފައި ވެއެވެ.

"ޔާސިރު ޔަހްޔާއަކީ "މުޖުތަމައަށް ނުރައްކާ ފަރާތެއް" ކަމަށް ދައުލަތުގެ އިދާރާތަކުން ނިންމައި ދިވެހިރާއްޖެ ދޫކޮށް ފުރައިގެން ދިޔުމަށް އަންގާފައިވަނީ 1 ފެބްރުއަރީ 2017 ގައި ކަމަށް ދައުލަތުގެ 3 އިދާރާއަކުން ގުޅިގެން ނެރުނު ނޫސްބަޔާމުގައި އޮތްއިރު، "މުޖުތަމައަށް ނުރައްކާ ފަރާތެއް" ކަމަށް ބެލެވޭ މީހަކު މެރިއެޖް ވިސާ ކެންސަލް ނުކޮށް އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި 3 އަހަރާއި 16 ދުވަސްވަންދެން ދޫކޮށްލާފައި ބެހެއްޓުމަކީ ދައުލަތުގެ 4 އިދާރާއިން ނެރުނު ނޫސްބަޔާނުގައި ކޮށްފައިވާ ތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމުގައި ފާހަގަކުރަމެވެ." ވަކީލުންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ވަކީލުންގެ ބަޔާނުގައި ބުނީ 2017 ފެބްރުއަރީ 1 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަންއަށް ހާޒިރުވުމަށް ފޯނުން ގުޅައި ޔާސިރަށް އެންގުމާއި ގުޅިގެން އެދުވަހު އޭނާ މޯލްޑިވްސް ހާޒިރުވުމުން އެއްވެސް ތަފްސީލެއް ނުދީ 2017 ފެބްރުއަރީ 28 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ޔާސިރުގެ އަނބިމީހާ އޭރު ބަލިވެ އިންކަމާއި ބަނޑަށް 8 މަސްވެފައިވާ ކަމާއި، އެ ހާލަތުގައި ހުއްޓައި ވައިގެ މަގުން ދަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާ ދީފައިވާތީ އާއި އެއާލައިންތަކުންވެސް ބަނޑަށް 8 މަސްވެފައިވާ ފަރާތްތަކަށް ދަތުރުކުރުމުގެ ފުރުސަތު ނުދޭތީ، ވިހައި ގަދަވުމުން ފުރައިގެން ދާނެ ކަމަށް ޔާސިރު އިމިގްރޭޝަނަށް އެންގި ކަމަށެވެ.

ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން 3 މާޗު 2017 ގައި ޔާސިރު ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ކޮބައިކަންވެސް އޮޅުން ފިލުވައިދީފައި ނުވާއިރު، އެ ތުހުމަތުތަކާ ގުޅިގެން އެއްވެސް ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށާއި، ތަހުގީގެއް އަދި ދައުވާއެއް ވެސް އުފުލައިފައި ނުވަނީ އެތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތުމުން ކަމުގައި ދެކޭ ކަމުގައިވެސް ވަކީލުން ބުނެފައި ވެއެވެ.

ޔާސިރު ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާ ޓްރެވެލް ޑޮކިއުމަންޓް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަން ސަރުކާރުން ހޯދުމަށް ކުރެވެނު މަސައްކަތަށް ޔާސިރުގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް ދައުލަތުގެ އިދާރާތަކުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބަޔާންކުރި ނަމަވެސް އެއީވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

"2019 ވަނަ އަހަރު ޔާސިރާއި ކަރެކްޝަނާ ވެވުނު އެއްބަސްވުމާއި ގުޅިގެން ޔާސިރުގެ އާއިލާއިން އޭނާ ފުރުވައިލުމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި މެލޭޝިޔާގައި ހުންނަ ޔަމަނުގެ އެމްބަސީއަށް ދިޔުމުން ދިވެހި ސަރުކާރުން ޔާސިރު ބަންދުކޮށްފައިވާ ކަމުގެ ލިޔުމެއް ހޯދުމަށް އަންގައިފައި ވެއެވެ. މި ލިޔުން ހޯދުމަށްޓަކައި އާއިލާއިން ވަނީ އިމިގްރޭޝަންގައި ލިޔުމުން އެދިފައެވެ. އެ ލިޔުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އާއިލާގެ ފަރާތުން 26 ނޮވެންބަރު 2019 ގައި އިމިގްރޭޝަންގައި އާއިލާއިން އެދުމުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އިމިގްރޭޝަނުން 9 ޑިސެމްބަރު 2019 ގައި ލިޔުމުން ޖަވާބު ދީފައި ވެއެވެ. އާއިލާއިން އެދުނު ލިޔުން އިމިގްރޭޝަނުން އާއިލާއާ ހަވާލުކޮށްފައިވަނީ 29 ޑިސެންބަރު 2019 ގައިކަން ފާހަގަކުރަމެވެ. އެހެންކަމުން ޔާސިރު ނުވަތަ އޭނާގެ އާއިލާއިން އެއްބާރުލުން ނުދީގެން ޔާސިރު ފުރުވައި ނުލެވުނު ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަ ކުރަމެވެ." ބަޔާނުގައި ވެއެވެ.

ވަކީލުން ބުނީ ޔާސިރު ބަނޑުހައި ހޫނުކަމުގެ ހަޅުލާތެއް ކުރަން ޖެހުނީ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލުތައް ދިނުން ހުއްޓައިލުމުން ކަމަށެވެ. އަދި އެ ހައްގުތައް އޭނާއަށް ނުލިބެނީ ބިދޭސީއަކަށް ވުމުން ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ވަކީލުންގެ ބަޔާނުގައި ބުނީ އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެފައިވާތީ ކަމަށް ބުނެ ޔާސިރު ބަންދުގައި ހުއްޓައި މަރުވެފައިވާއިރު، ދައުލަތުގެ 3 އިދާރާއަކުން ނެރުނު ނޫސްބަޔާނުގައި ޔާސިރަކީ ޓެރަރިސްޓެއް ކަމަށް ދޭހަވާ ގޮތަށް މުއާމަލާތް ކޮށްފައިވުމަކީ ދިވެހި ދައުލަތުން ކޮށްފައިވާ އިންސާނީ ކަރާމާތާއި ހިލާފު ވަރަށް ލާއިންސާނީ އަމަލެއް ކަމަށެވެ.