ޖިނާއީ މައްސަލަތަކުގެ ތަހުގީގު ހަލުވިކުރުމާއެކު، ކުށުގެ އަނިޔާ ލިބޭ ފަރާތްތަކާއި މައްސަލަ ރިޕޯޓުކުރާ ފަރާތްތަކަށް ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެމުންގެންދިއުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު މިއަދު ގޮވައިލައްވައިފިއެވެ.

ސީޕީ މިކަމަށް ގޮވައިލެއްވީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީނިއާ އޮފިސަރުންނާ މިއަދު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ތަހުގީގީ ދާއިރާގެ ގާބިލުކަމާއި މަސައްކަތުގެ ދުވެލި ރަނގަޅުކުރެވޭނެ ގޮތްތަކާއި، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ހެޔޮކުރުމާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

ބައްދަލުވުމާ ގުޅޭގޮތުން ފުލުހުން ބުނި ގޮތުގައި ތަހުގީގުގެ ފެންވަރާއި ހެކީގެ ރައްކާތެރިކަމަށް ބުރޫ ނާރާނެހެން، ފުރިހަމަ އަދި ހަލުވި ތަހުގީގުތަކެއް ހިންގުމުގެ ޒަރޫރީކަމުގެ މައްޗަށް ކޮމިޝަނަރު ބައްލަވައިލެއްވިއެވެ. ލަސްވުންތައް މަދުކުރުމާއި، ނުނިމި ހުރި މައްސަލަތައް އެންމެ ކުޑަ މިންވަރެއްގައި ހިފެހެއްޓުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް އެދިވަޑައިގެންނެވި އިރު، ތަހުގީގު ކުރިއަށްގެންދާ އެކި ބަހާތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމަށް ވެސް އިރުޝާދުދެއްވިއެވެ.

18 ނޮވެމްބަރު 2026، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީނިއާ އޮފިސަރުންނާ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ބައްދަލުކުރެއްވުން -- ފޮޓޯ/ ޕޮލިސް

މައްސަލަ ހުށަހަޅާ ފަރާތްތަކަށާއި އަނިޔާ ލިބޭ ފަރާތްތަކަށް ތަހުގީގީ މަރުހަލާތަކުގެ އެންމެ ފަހުގެ މައުލޫމާތު ގަވާއިދުން ފޯރުކޮށްދިނުމަކީ، ފުލުހުންގެ މުއައްސަސާއާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމުގައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ތަހުގީގުގެ ކޮންމެ ހިސާބެއްގައިވެސް ކުށުގެ ޝިކާރައަކަށްވީ ފަރާތްތަކާ މުއާމަލާތްކުރުމުގައި އޯގާތެރިކަމާއި އިހުތިރާމާއި ޕްރޮފެޝަނަލް ގޮތެއް ގެންގުޅުމުގެ މައްޗަށް ބާރުއެޅުއްވިއެވެ.

ޒަމާނާ އެކީ ކުށުގެ ބާވަތްތައް ބަދަލުވެ، ގޮންޖެހުން ބޮޑު މައްސަލަތައް ތަހުގީގުކުރެވޭ ފެންވަރަށް ތަހުގީގު އޮފިސަރުން ތަމްރީނުވެ ކުރިއެރުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވެސް ކޮމިޝަނަރު އަލިއަޅުއްވައިލެއްވިއެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސް ފުޅާ ދާއިރާއެއްގައި ބޭނުންހިފުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ ތަހުގީގުތައް ގާތުން މޮނިޓާކުރުމާއެކު، ކޮންމެ ފެންވަރެއްގައި ވެސް ޖަވާބުދާރީވެ، ސުލޫކީ އަދި އަހުލާގީ ރަނގަޅު މިންގަނޑުތައް ނެގެހެއްޓުމަށް ސީޕީ ބާރުއެޅުއްވިއެވެ.

ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑަކީ ޖިނާއީ ބޮޑެތި ކުށްތަކާއި ހާއްސަ މައްސަލަތައް ތަހުގީގުކުރުމުގެ ޒިންމާ އުފުލާ ބަހާއެވެ. މި ކޮމާންޑުގެ ދަށުން ފައިނޭންޝަލް އެނަލިޓިކްސް، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން، މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް އަދި ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ސަޕޯޓް ފަދަ ގިނަ ދާއިރާތަކެއްގެ މަސައްކަތް ކުރިއަށް ގެންދެއެވެ.