ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގައި އުޅެން ކަނޑައަޅާފައިވާ، އުސޫލުތަކާއި އަދަބުތަކަށް އަމަލު ނުކުރުމަކީ މެންބަރުން ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލްތަކުގެ ބަހުސް ކުރިއަށްދިޔަ އިރު، ބަހުސް ހޫނުވެ މެންބަރުން އަޑުގަަދަކޮށް، މަޖިލީހުގެ ގަވާއިދާ ހިލާފު އަމަލުތަކެއް މަޖިލިސް ތަޅުމުގައި ކުރިއަށްދިޔައެވެ.

އޭގެ ތެރޭގައި ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލުގެ ބަހުސްގެ ތެރެއިން، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު އެ ބިލު ވީދާލުންވެސް ހިމެނެއެވެ.

އެކަންކަމާ ގުޅިގެން، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިިލިސް ރައީސް ވިދާޅުވީ، މަޖިލީހަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން މެންބަރުކަމުގެ ހުވާކުުރެއްވުމުގެ ކުރިން މަޖިލީހުގެ ހުރިހާ މެންބަރުން މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ ގަވާއިދު އޮންނަ ގޮތާއި މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާއިރު މެންބަރުން އަމަލުކުރައްވަން ޖެހޭގޮތް، މަޖިލިސް އިދާރާއިން މެންބަރުންނަށް ކިޔައިދެއްވާފައިވާނެ ކަމަށެވެ. އެއާއެކު ކޮންމެ މެންބަރަކަށް އަތްމަތީ ފޮތެއްވެސް ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާ ހިނގަމުންދާއިރު ޖަލްސާއިން ނިކުމެވަޑައިގަތުމާއި އެނބުރި ޖަލްސާއަށް ވަޑައިގަންނަވާއިރު އަމަލު ކުރަންޖެހޭ އުސޫކުތަކެއް އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލީހުގެ މަސައްކަތް ހިނގަމުންދާ ގަޑީގައި މެންބަރަކަށް ނިކުންނެވޭނީ ރިޔާސަތަށް އިޝާރާތްކޮށް، ރިޔާސަތުގެ ހުއްދަ ލިބިގެން. ހަމަ އެގޮތަށް މަޖިލީހަށް ވެދެވަޑައިގެންނެވޭނީ ވެސް ދޮރު ހުޅުވާލައިފަ އިޝާރާތްކޮށްލީމަ ރިޔާސަތުން ހުއްދަ ދިނީމަ. މަޖިލީހުގައި މެންބަރަކު ވާހަކަަދައްކަވަން ހުންނަވަނިކޮށް އެ މެންބަރެއްގެ ކުރިމަތިން ރިޔާސަތާއި މެންބަރާ ދެމެދު ހުރަސްކުރުމަކީ ގަވާއިދު މަނާކުރާކަމެއް. އެހެންވީމާ މިފަދަ ރީތި އަދަބުތައް ހުއްޓައި އެ އަދަބުތަކާ އެއްގޮތަށް އަމަލު ނުކުރުމަކީ މެންބަރުން ކުރަން ހެޔޮވާވަރުގެ ކަމެއްނޫން،" މަޖިިލިސް ރައީސް ވިދާޅުވިއެވެ.

މަޖިިލިސް ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުންނަކީ އެއަށްވުރެ، މާ އަބުރުވެރިކޮށް، ގާނޫނަކުން އިއްޒަތް ދެއްވާފައި ތިއްބެވި ބޭފުޅުން ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި އެހެން ނެހެއްދެވުމަށް މެންބަރުންގެ ކިބައިން މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.

"މެންބަރަކު ވާހަކަދައްކަވަން ހުންނަވަނިކޮށް ބައިހަދާފަ ގޮސް އެ މެންބަރަކާ ދިމާކުރުމަކީވެސް ގަވާއިދު ހުއްދަކުރާ ކަމެއް ނޫން. އެފަދަ ކަންކަން ކޮށްގެންނުވާނެ، މެންބަރުން މަޖިލީހަށް ހުށަހަޅާ ބިލުތައް ހިތްހަނުޖެހޭ ބިލު ނަގައި އިރާލައި ބިންމައްޗަށް ވައްޓާލައި ގާނޫނުއަސާސީގެ މައްޗަށް ކޮޅުފައިން އަރައި، މިއީ އެއްގޮތަކަށްވެސް ހުއްދަ ކަންތައްތަކެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް މަޖިލީހުގައި އެފަދަ ކަންތައްތައް ހިނގާފައިވާތީ، އެކަންތައްތައް ތަކުރާރު ނުކުރުމަށް މެންބަރުންގެ ސަމާލުކަމަށް އެކަން ގެންނެވީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.