ބަލި ނެތް ރަށްރަށުގެ މެދުގައި ވެސް ދަތުރުފަތުރު ކުރާ އިރު މާސްކު އެޅުން ލާޒިމުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބަލި ނެތް ރަށްރަށުގައިވެސް ފިޔަވަޅުތައް އަޅަން ފަށާފަައިވާ ކަމަށާއި އެގޮތުން ކައުންސިލްތަކާ ގުޅިގެން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

"ބަލި ނެތް ރަށްރަށުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައެއްނުލަން. އެހެން ނަމަވެސް އަޅުގަނޑުމެން ދެންމެ މި އިއުލާންކުރި ދަތުރުކުރާ އިރުގައިވެސް، ދަތުރުމަތީދެން މާސްކް އެޅުމަކީ މެންޑޭޓްރީ ކަމެއް. ބަލިނެތް ރަށްރަށުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އިރުގައިވެސް،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ފިޔަވަޅުތައް އަޅަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ނެތް ރަށްރަށުގައި އާންމުކޮށް މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބަލި ފެންނަ ރަށްރަށުގައި މާސްކްއެޅުން މަޖުބޫރުވާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ބަލި ނެތް ރަށްރަށުގައި މާސްކް އަޅަން އެދިފައި މިވަނީ އެރަށްރަށުގައި ނޭނގި ކޮވިޑް ފެތުރޭނަމަ ފެތުރުން ކުޑަކުރުމާއި ފެތުރޭ ސްޕީޑް ދަށްކުރުން ކަމަށެވެ.

މިއަދު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބަލި ނެތް ރަށްރަށުގައި ދަތުރުކުރުން ހުއްޓުވުން ނެތް ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ހާލަތު ބެލުމަށްފަހު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.