ކޮވިޑު ފެނިފައިވާ ހުރިހާ ރަށެއްގައިވެސް ފޮތި މާސްކު އެޅުން ލާޒިމުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ އެކްޓިވް ކޭސަސް ނުވަތަ ބަލި ރިޕޯޓުކޮށްފައިވާ ރަށްރަށުގައި މާސްކު އެޅުން ލާޒިމުކުރަން ނިންމާފައިވާ ކަމަށެވެ.

"މިވަގުތު ދިހަ ރަށެއްގައި ބަލި ރިޕޯޓުކޮށްފައި އެބަވޭ. މާލެ ފިޔަވައި އެހެން ރަށްރަށުގެ ތެރެއިން. މިފަދަ ރަށެއްގައި ފޮތި މާސްކު ބޭނުންކުރުން މެންޑެޓަރީ ވާނެ،" އޭނާ ވިދާޅުވިއެވެ.

ސާމިޔާ ވިދާޅުވީ ބަލި ނެތް ރަށްރަށުގައި މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގިނަ ބަޔަކު މާލެއިން ރަށްރަށަށް ގޮސްފައިވުމުން ރައްކާތެރިކަމެއްގެ ގޮތުން ހުރިހާ އެންމެން ވެސް މާސްކު އަޅައިގެން އުޅުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން އަޅުގަނޑުމެން އެބަ ރެކޮމެންޑް ކުރަން، ހުރިހާ ރަށެއްގައި ވެސް. މިހެން ދަންނަވާ އިރުވެސް އެނގޭ މާސްކު ލިބުމުގައި ދަތިތަކެއް ހުންނާނެތީވެ، އަޅުގަނޑުމެން ހެލްތު ދާއިރާއިން ރެކޮމެންޑް މިކުރަނީ ފޮތި މާސްކު ބޭނުންކުރެއްވުން. އެހެންވީމާ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފޮތި މާސްކު ބޭނުންކުރުން ރެކޮމެންޑް މިކުރަނީ. އެއް ކަމަކަށް ފުރަބަންދުގެ ކަރަންޓީނުގައި މީހުން މާލެއިން ރަށްރަށަށް ވަރަށް ބޮޑަށް ގޮސްފި. އޭގެ އިތުރަށް ވެސް ދަތުރުފަތުރާ އެކުގައި ފަހަރުގައި އަދި ޑިޓެކް ނުވިޔަސް ބަލި ހުރުން އެކަށީގެންވޭ. އެހެންވީމާ މިއާއެކުގައި ބޮޑަށް ޕްރެންޓިވް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން އެދޭ ކަމެއް ވީހާވެސް ބޮޑަށް ރަށްރަށުގައި ފޮތި މާސްކު މިހާރުން ފެށިގެން ބޭނުންކުރަން ފެށުން،" އޭނާ ވިދާޅުވިއެވެ.

ސާމިޔާ އިތުރަށް ވިދާޅުވީ މާލެއިން ރަށްރަށަށް ދިއުމަށް ވަރަށް ގިނަ މީހުން އެދޭ ކަމަށާއި އެންމެ މުހިންމު އަމާޒަކީ ރަށްރަށަށް ބަލި ފެތުރުން ކޮންޓްރޯލު ކުރުން ކަމަށެވެ. އެހެންކަމުން މީގެ ފަހުން މާލެއިން ރަށްރަށަށް ދިއުމަށް ހުއްދަ ދެވޭނީ ސިއްހީ ކަންކަމުގައި މާލެ އައިސް ތިބި މީހުންނާއި ޒަރީރޫ ބޭނުމެއްގައި ދާން ޖެހޭ މީހުންނަށް އެކަނި ކަމަށެވެ.