މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފޮތި މާސްކު އަޅައިގެން އުޅެން އިލްތިމާސްކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
"މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން އަޅުގަނޑުމެން އެބަ ރެކޮމެންޑް ކުރަން، ހުރިހާ ރަށެއްގައި ވެސް. މިހެން ދަންނަވާ އިރުވެސް އެނގޭ މާސްކު ލިބުމުގައި ދަތިތަކެއް ހުންނާނެތީވެ، އަޅުގަނޑުމެން ހެލްތު ދާއިރާއިން ރެކޮމެންޑް މިކުރަނީ ފޮތި މާސްކު ބޭނުންކުރެއްވުން. އެހެންވީމާ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފޮތި މާސްކު ބޭނުންކުރުން ރެކޮމެންޑް މިކުރަނީ،" އޭނާ ވިދާޅުވިއެވެ.
ސާމިޔާ ވިދާޅުވީ ފުރަބަންދުގެ ކަރަންޓީނުގައި ތިބުމަށް ވަރަށް ގިނަ މީހުން މާލެއިން ރަށްރަށަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހުރިހާ ރަށެއްގައި ފޮތި މާސްކު ބޭނުންކުރުމަށް އިލްމާސްކުރާ ކަމަށެވެ. އަދި ބަލި ފެނިފައިވާ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންކަމަށްވިޔަސް މީގައި އިސްތިސްނާ މިވަނީ މިވަގުތު އެކްޓިވް ކޭސަސް، ބަލި އަޅުގަނޑުމެންނަށް ފެންނަ ނުވަތަ ރިޕޯޓުކޮށްފައިވާ މީހުން ދިރިއުޅޭ ރަށްރަށުގައި. މިވަގުތު ދިހަ ރަށެއްގައި ބަލި ރިޕޯޓުކޮށްފައި އެބަވޭ. މާލެ ފިޔަވައި އެހެން ރަށްރަށުގެ ތެރެއިން. މިފަދަ ރަށެއްގައި ފޮތި މާސްކު ބޭނުންކުރުން މެންޑެޓަރީ ވާނެ،" އޭނާ ވިދާޅުވިއެވެ.
ސާމިޔާ އިތުރަށް ވިދާޅުވީ މާލެއިން ރަށްރަށަށް ދިއުމަށް ވަރަށް ގިނަ މީހުން އެދޭ ކަމަށާއި އެންމެ މުހިންމު އަމާޒަކީ ރަށްރަށަށް ބަލި ފެތުރުން ކޮންޓްރޯލު ކުރުން ކަމަށެވެ. އެހެންކަމުން މީގެ ފަހުން މާލެއިން ރަށްރަށަށް ދިއުމަށް ހުއްދަ ދެވޭނީ ސިއްހީ ކަންކަމުގައި މާލެ އައިސް ތިބި މީހުންނާއި ޒަރީރޫ ބޭނުމެއްގައި ދާން ޖެހޭ މީހުންނަށް އެކަނި ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު