ރޭގަނޑު 9:30 ގެ ފަހުން ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދިނުން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ މާލޭ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ރޭގަނޑު 9:30 ގެ ފަހުން ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދިނުން މަނާކޮށްފައިވާ ކަމަށެވެ.

"މާލެ ހުޅުމާލެ އަދި ވިލިމާލެގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ޑެލިވަރީއާއި ޓޭކްއަވޭގެ ހިދުމަތްވެސް ހުއްޓާލާނެ. އެހެންކަމުން 10:00ގައި ބަންދުކުރާތީ މިއަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ވިޔަފާރިތަކެއް 9:30 ގެ ފަހުން ބަންދު ކުރެވޭނެ،" ސާމިޔާ ވިދާޅުވިއެވެ.

ސާމިޔާ ވިދާޅުވީ، މިރޭ 10:00 އިން ފެށިގެން ފަތިހު 5:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގާނެ ކަމަށެވެ.

މީހުން އެއްވެ އުޅުން ވީހާވެސް މަދުކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުންވެސް މަނާކޮށްފައިވާ ކަމަށްވެސް ސާމިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށް ސާމިޔާ ވިދާޅުވިއެވެ.