ތަހުގީގު ނިމެންދެން ބަންދުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް ސައުތު އޭޝިއާއިން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު އަދީބުގެ އެތަކެއް ސިއްހީ މައްސަލައެއް އެބަހުރި ކަމަށާއި އެހެންކަމުން އޭނާއަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުން މިދިޔަ މަހުގެ ތެރޭގައި ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ކޮރަޕްޝަނާ ބެހޭ ހަތް ދައުވާ އެ ކޯޓުން ބޭރުކޮށްލުމާ ގުޅިގެން ޕީޖީގެ ފަރާތުން އެ މައްސަލަތައް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށްފަހު އެ މައްސަލަތައް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓަށް އެދުނު އަމުރާ އެއްގޮތަށް އަދީބު ބަންދުކުރުމަށް ހައިކޯޓުން ވަނީ ނިންމައިފައެވެ.

މީގެ ކުރިން އަދީބުގެ ފަރާތުން ވަނީ ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްދިނުމަށް އެދިފައެވެ. އަދި އެކި ފަހަރުމަތިން އޭނާއަށް ވަނީ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.