މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް ޖަލްސާ ކެންސަލްކޮށްފިއެވެ.

މަޖިލީހުން ބުނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާ، އަންނަ ހަފުތާއަށް ފަސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތިން ދުވަހު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި މަޖިލީހުގެ އިދާރާވެސް ހުންނާނީ ހުޅުވާފައި ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު އޮފީހަށް ނުކުންނާނީ ކޮމިޓީތަކުގެ މަސައްކަތް ކުރުމަށް ބޭނުންވާ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި އެހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ރައީސް ނަޝީދު އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މާދަމާގެ ޖަލްސާ ކެންސަލްކޮށްފައި މިވަނީ އިދިކޮޅު ފަރާތްތަކުންވެސް އެކަން ކުރުމަށް ގޮވާލާފައިވަނިކޮށެވެ. އެގޮތުން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ ކޮވިޑް 19 ކޮންޓްރޯލް ނުކުރެވި، ރާއްޖެއަށް ފެތުރެމުންދާއިރު، މި ދުވަސްވަރު މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އެންމެ ކަމެކެވެ. އެއީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 56 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

މާދަމާގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު، ރާއްޖޭގައި ކޮވިޑަށް މީހުން ޕޮޒިޓިވްވާ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދުވެސް 129 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 93 ދިވެހިން ހިމެނެއެވެ.