ކޮވިޑަށް ޕޮޒިޓިވް 200 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން 200 މީހުން އަދިވެސް ފެސިލިޓީތަކަށް ނުގެންދެވިވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެމީހުންވެސް ފެސިލިޓީތަކަށް ގެންދާނެ ކަމަށެވެ.

"މިއަދު އިރުއޮއްސި 6:00އާ ހަމައަށް 200 މީހަކު އެބަތިބި ފެސިލިޓީތަކަށް ނުގެންދެވި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑުގެ ކޭސްތައް އިތުރުވި ނަމަވެސް ޕޮޒިޓިވް މީހުން ހޯމް އައިސޮލޭޓް ކުރުމުގެ ވިސްނުމެއް ސަރުކާރުން އަދި އެޗްޕީއޭއިން ވެސް ނުގެންގުޅޭ ކަމަށާއި އެފަދަ މަޝްވަރާއެއްވެސް ކުރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ގިނަ ކަމަށެވެ. އެގޮތުން މިހާރުވެސް 6،000 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 129 މީހުންނެވެ. އޭގެ ތެރޭގައި 93 ދިވެހިން ހިމެނެއެވެ.