ޗެލްސީގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ އޭނާގެ އުފަން ގައުމު ކަމަށްވާ އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަމުގެ މަގާމަށް ކުރިމަތި ލައިފި އެވެ.
ދުނިޔޭގައި އުފެދުނު މޮޅު ސްޓްރައިކަރުންގެ ތެރޭގައި ހިމެނޭ ޑްރޮގްބާ ވަނީ އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްގެ މަގާމަށް އޭނާ ޝައުގުވެރިވާކަން މިދިޔަ އަހަރު ފާޅުކޮށްފައެވެ. އުމުރުން 42 އަހަރުގެ ޑްރޮގްބާ ފެޑަރޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ރަސްމީކޮށް ބިޑު ކުރީ މިދިޔަ ހޮނިހިރު ދުވަހު އޭނާއަށް ތާއީދު ކުރާ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައެވެ.
ޑްރޮގުބާއަށް އެފްއައިއެފްގެ މަގާމު ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އެ ގައުމުގެ ކުޅުންތެރިންގެ ޔޫނިއަނުން (އޭއެފްއައި) އިން ވަނީ ޑްރޮގްބާއަށް ތާއީދު ނެތްކަން ހާމަކޮށް އޭނާއާ ދެކޮޅަށް އެންޓި ކެމްޕޭން ކޮށްފަ އެވެ. އެއާއެކު އެ ޖަމިއްޔާއާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯއިން ވަނީ ފިޔަވަޅު އަޅައިފަ އެވެ.
ބޭރުގެ މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގައި ޑްރޮގްބާ ބުނީ ކުޅިވަރަކީ ހުރިހާ އެންމެންގެ އެއްޗެއް ކަމަށާއި ފުޓުބޯޅައަކީ އެންމެން އެކަތިގަނޑަކަށް ހަދައި އެންމެން އެކުވެރި ކުރުވާ އެއްޗެއް ކަމަށެވެ. އެކަން މިއަދު އެއްވެފައި ތިބި މީހުންނަށް ބަލައިލުމުންވެސް އެނގި ހާމަވާ ކަމަށެވެ. އަލުން ފުޓުބޯޅަ ނަގައި ކޮޅަށް ޖެހޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް ޑްރޮގްބާ ބުންޏެވެ.
އިންތިހާބު އަންނަ މަހުގެ ފަސްވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު، އައިވަރިއަން ލީގުގައި ވާދަކުރާ 14 ކުލަބުގެ ތެރެއިން މަދުވެގެން ތިން ކުލަބަކާއި ދަށް ޑިވިޝަނެއްގެ ދެ ކުލަބުގެ އިތުރުން، ވަކި އަދަދެއްގެ ކޯޗުންނާއި، މިހާރުގެ ކުޅުންތެރިންގެ އިތުރުން ޑޮކްޓަރުންގެ ނޮމިނޭޝަން ވެސް ޑްރޮގްބާ އަށް ބޭނުންވެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު