ބާރު ސްޕީޑްގައި ކޮވިޑް 19 ފެތުރެމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން އިދިކޮޅު ޕީއެންސީން ގޮވާލައިފިއެވެ.
މިނިވަން ދުވަހާއި އަލުހާ އިދު ދުވަހުގެ ބަންދަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ވަނީ ހަމަޖެހިފައެވެ.
ކޮވިޑާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، މަޖިލީހުގެ ޗެމްބަރުގައި މަޖިލިސް ޖަލްސާތައް ބޭއްވުން ހުއްޓާލުމަށްފަހު، މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށްގެންގޮސްފައިވެއެވެ. މިނިވަން ދުވަހާއި އަލްހާ އީދުގެ ބަންދަށް މަޖިލިސް ޖަލްސާތައް މެދުކަނޑާލި އިރު، ޖަލްސާތައް ކުރިއަށްގެންދިޔައީ މަޖިލީހުގެ ޗެމްބަރުގައެވެ. ނަމަވެސް ތިން ފޫޓަށް ވުރެ ކައިރީގައި މެންބަރަކު އިންނަވާނަމަ، މެންބަރުން މާސްކު އަޅަން މަޖިލިސް ރައީސް ވަނީ އަންގަވައިފައެވެ.
ބަންދަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ހަމަޖެއްސުމާ ގުޅިގެން، އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް 19 ކޮންޓްރޯލް ނުކުރެވި، ރާއްޖެއަށް ފެތުރެމުންދާ ކަމަށާއި އެހެންކަމުން މި ދުވަސްވަރު މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލައްވާ ކަމަށެވެ.
"ކޮވިޑް 19 ކޮންޓްރޯލް ނުކުރެވި، ރާއްޖެއަށް ފެތުރެމުންދާ އިރު، މި ދުވަސްވަރު މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލަން،" ޕީއެންސީގެ ޕީޖީ ލީޑަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އެންމެ ކަމެކެވެ. އެއީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 56 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
މާދަމާ މަޖިލިސް ޖަލްސާ ބާއްވަން ނިންމާފައިވާ އިރު، އިއްޔެއަކީ ވެސް ރާއްޖޭގައި ކޮވިޑަށް މީހުން ޕޮޒިޓިވްވި އަދަދު ރެކޯޑް އަދަދަކަށް އަރާފައިވާ ދުވަހެކެވެ. އަދި ކޮވިޑުގައި ރޭ ވަނީ މީހަކުވެސް މަރުވެފައެވެ.
އެޗްޕީއޭ އިން ރޭ ބުނީ ބުނީ ހޮނިހިރު ދުވަހުގެ ހަވީރު 6:00 އިން އިއްޔެ ހަވީރު 6:00 އަށް 215 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 149 ދިވެއްސަކާއި ބަންގުލަދޭޝްގެ 54 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ސްރީލަންކާގެ ދެ މީހަކާއި ނޭޕާލުގެ ދެ މީހަކާއި އިންޑޮނޭޝިއާގެ މީހެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު