އިތުރު ލޮކްޑައުން އަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާ މިދަނޑިވަޅުގައި ރައީސް މިއަދު ކުރެއްވި ޓުވީޓުގައި ވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅޭއިރު މާސް އެޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށް އަމަލުކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.
"ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫން،" ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެފައިވާއިރު އިއްޔެ އެކަނި ވެސް 215 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އިއްޔެއަކީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އަދި އިއްޔެއަކީ އެއް ދުވަހެއްގައި އެންމެ ގިނަ ދިވެހިންވެސް ޕޮޒިޓިވްވި ދުވަހެވެ.
ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ގިނަވަމުން އަންނައިރު، މިދިޔަ މަހުން ފެށިގެން ގިނައިން ޕޮޒިޓިވްވަމުން ދަނީ ވެސް ދިވެހިންނެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވިދާޅުވީ، މިހާރު ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް އަދި އަލުން ލޮކްޑައުން އަކަށް ދިއުމަކީ ސަރުކާރުން އުންމީދުކުރާ ގޮތް ނޫން ކަމަށެވެ. އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 18 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 13 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 11 ދިވެއްސަކު ހިމެނެ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު