ގެއިން ބޭރަށްދާއިރު މާސްކު އެޅުމަށް ބުނާ ބުނުމުގައި "ބޭރު" މާނަ ކުރެވެނީ ތިމާގެ އަމިއްލަ ގޭތެރޭގައި ދިރިއުޅޭ މީހުން ނޫން އެހެން މީހުންނާ ބައްދަލުވާ އިރު މާސްކު އެޅުމަށް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޭރަށް ނިކުންނަ އިރު މާސްކު އެޅުމަށް ބުނާ ބުނުމުގެ މާނައަކީ ފުރާޅެއްގެ ދަށަށް ވަންނަ ކޮންމެ ފަހަރަކު މާސްކު ނެގުން ނޫން ކަމަށެވެ. ނަމަވެސް އެއީ ތިމާ ދިރިއުޅޭ ގޭތެރޭގެ މީހުން ނުވަތަ "އޯން ބަބުލް" ގައި ހިމެނޭ މީހުން ފިޔަވައި އެހެން މީހުންނާ ބައްދަލު ކުރާއިރު މާސްކު ނުނެގުން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

އެގޮތުން ގޭގެ ލިފްޓަށް ނުވަތަ ބޭރުތެރެއިން ކާރަކަށް އަރާއިރުވެސް މާސްކު ނުނެގުމަށް ޑރ. ފައިސަލްގެ ޓުވީޓުގައި އިރުޝާދު ދެއްވިއެވެ. ލިފްޓާއި ކާރު ފަދަ ބަންދު ތަންތަނަށް ވަދެ އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. ފައިސަލް އިރުޝާދު ދެއްވިއެވެ. ބޭރުތެރެއަށް ވުރެ ކާރު އަދި ލިފްޓު ފަދަ ބަންދުވެފައި ހުންނަ ތަންތަނުން ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.

ބަންދު ތަނަކުން މީހަކު ނިކުމެގެން ދާއިރު އެތަނުގެ ތެރެއަށް މީހެއްގެ ކިބައިން ދޫވެގެންދާ ވައިރަސް އެގްޒޯސްޓު ވުމަށް ދޮރުތައް ހުޅުވައިލުމަށާއި ބޭރުތެރެއަށްވުރެ ވައިރަސް ނޭފަތަށް ވަނުމުގެ ފުރުސަތު ބޮޑީ އެތެރެ ތަނެއްގައި ކަމަށް ޑރ ފައިސަލް ވިދާޅުވިއެވެ. އެގޮތުން "ވައިޖެހޭ ތަނެއްގައި ވިލާގަނޑު ވަޔާ އެއްލައިލާގޮތަށް" ބޭރު ތަންތަނުގައި ނޭފަތަށާއި އަނގަޔާއި ލޮލަށް ވަނުމުގެ ކުރިން ވައިރަސް ބުރައިގެންދާނެ ކަމަށް ޑރ. ފައިސަލް ސިފަ ކުރެއްވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ އޮފީސްތަކުގައިވެސް ސައިކޮޓަރިއަކީ ބަންދު ތަނަކަށް ވުމުން އެއީ އެންމެ ރައްކާތެރި މާހައުލަކަށް ނުވާނެ ކަމަށެވެ. އަދި ފޮތި މާސްކު އަޅައިގެން އުޅުނުނަމަވެސް އަނެކާ ވާހަކަ ދައްކާއިރު ބުރާ ކުޅުތިކީގެ ސަބަބުން ވައިރަސްގެ އަސަރު ފޯރާ ބަލިޖެހުން އެކަށީގެންވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

"ވާހަކަ ދައްކާމީހާގެ އަނގައިން ކުޅު ނިކުންނަލެއް ބާރުވެފައި ދުރަށްފޯރާ، ކުޅުތައް ކުދިވަމުންގޮސް އެއިރޯސޯލްއަށް ވެ، ފޮތި މާސްކު އަޅައިގެން ހުއްޓަސް އަނެކާއަށް އޭގެން ބަލިޖެހުން އެކަށީގެންވޭ" ޑރ. ފައިސަލް ވިދާޅުވިއެވެ.

މިހެން ކަން ހިނގާއިރު އެންމެ ރަނގަޅު ގޮތަކީ އެހެން މީހުންނާ މުއާމަލާތު ކުރާއިރު މާސްކު އެޅުން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ތިމާގެ ކުޅު ތިކިންވެސް ވައިރަސް ފެތުރޭ އިރު މާސްކު އެޅުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ލޮކްޑައުންއަށް ދިން ލުއިތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރު ވުމާއި ގުޅިގެން އެންމެންގެ ރައްކާތެރިކަމަށްޓަކައި ބޭރުތެރޭ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.