ކޮންމެ ބޮޑު އީދަކަށް ހާއްސަކޮށްގެން ދ. މާއެނބޫދޫގައި ބާއްވާ އީދު ކަޕްގެ ތިންވަނަ މެޗް 0-0 ގެ ނަތީޖާ އަކުން މުދިންބެ އެފްސީ އާއި ބަޔާން މަނިކް އެއްވަރުވި އިރު، ހަތަރު ވަނަ މެޗްގައި ޒެނިތު އާއި ސޭވިއާ ބައްދަލުކުރި މެޗް 1-0 އިން ޒެނިތް މޮޅު ވެއްޖެއެވެ. ފަސްވަނަ މެޗުގައި ދަގަނޑު ޓީމުގެ މައްޗަށް ހަބޭސް ކުރި ހޯދީ ވެސް 1-0 ގެ ނަތީޖާ އަކުންނެވެ.
ޒެނިތާއި ސޭވިއާ ބައްދަލުކުރި މެޗްގައި ޖެހި ހަމަ އެކަނި ލަނޑު ޒެނިތަށް ކާމިޔާބު ކޮށްދިނީ މެޗްގެ 23 ވަނަ މިނެޓުގައި ދުންޔާ އަމީން އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެނިތްގެ އިބްރާހިމް އަފްޒަލް އެވެ. ހަބޭސް އާއި ދަގަނޑު ޓީމް ބައްދަލު މެޗްގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ހަބޭސްގެ އަލީ ސާމިއުއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް އަލީ ސާމިއު އެވެ.
މުދިންބެ އެފްސީ އާއި ބަޔާން މަނިކް އެއްވަރުވި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބަޔާން މަނިކްގެ އަކްރަމް އަހްމަދު އެވެ.
މިދިޔަ އަހަރު އީދުގެ ފުޓުބޯޅަ މުބާރާތް އިންތިޒާމްކޮށްފައި ވަނީ މާއެނބޫދޫ ކައުންސިލުންނެވެ. މި ފަހަރުގެ އީދުކަޕް ބާއްވަނީ އެ ރަށު ޒުވާނުން އިސްނަގައިގެންނެވެ. މި މުބާރާތަކީ މާއެނބޫދޫގައި އީދުގެ އުފާ ފާހަގަކުރުމުގެ އިތުރުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.
ނައިން އަ ސައިޑްކޮށް ކުޅޭ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ޖުމުލަ 12 މެޗު ކުޅޭނެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ، ފެއާޕްލޭ ޓީމް، އެންމެ މޮޅު ގޯލްކީޕަރު ހިމެނޭހެން އެންމެ މޮޅު ނުވަ ކުޅުންތެރިން ހޮވައި ފައިސާގެ އިނާމު ދޭގޮތަށް ހަމަޖެހިފައި ވެއެވެ.
ބޮޑު އީދާ ގުޅިގެން މާއެނބޫދޫގައި ބާއްވަމުން އަންނަ އީދުކަޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް ދުވަސްވީ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް އެކި ދުވަސްވަރު އިންތިޒާމްކޮށްފައި ވަނީ އެކި ފަރާތުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު