ނުރައްކާތެރިކަމާއެކު ފެތުރެމުންދާ، ކޮވިޑް 19 ޕެންޑަމިކް ތެރޭގައި މާސްކު ނާޅައި ގްރޫޕު ހަދައިފައި ގޮސް ކޮފީތަކުގައި ތިބުމާއި މަސްދަތުރާއި ޕިކުނިކު ދިއުން ފަދަ ކަންތައްތަކާއި ޕާޓީތައް ބޭއްވުމަކީ ގަޓްކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަހުމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ކޮވިޑްް 19 ބާރު ސްޕީޑުގައި ނުރައްކާތެރުކަމާއެކު ފެތުރެމުންދާއިރު، އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ފަރުވާ ކުޑަ ވުމާއި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ގިނަބަޔަކު ސަމާލުކަން ނުދޭ މައްސަލަ ފާހަގަކޮށް، މިއަދު ކުރެއްވި ޓުވީޓެއްގައި މެންބަރު ނިހާދު ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ޒިންމާދާރުކަމާއެކު އެންމެން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި "ނަލަކޮށް މިއާއެކު އުޅެވޭނެ،" ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ނުވެ އިތުރަށް ފެތުރުން ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ.

އެގޮތުން ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު ރޭވެސް ވަނީ މަރުވެފައެވެ. އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ވެފައެވެ.

ކޮވިޑް ޖެހިގެން ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ 89 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 8:57 ހާއިރު ވަނީ މަރުވެފައެވެ.

އިއްޔެ 215 މީހަކު ޕޮޒިޓިވް ވެ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދު ވަނީ 4164 އަށް އަރައިފައެވެ. މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވި ދުވަހެވެ. އަދި އިއްޔެއަކީ އެއް ދުވަހެއްގައި އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވި ދުވަހެވެ.