ކުއްލި ޚަބަރު

ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި އޮތް ޔާސިރު މަރުވެއްޖެ

އަލީ އަފާފް ރަމީޒު

ދިވެއްސަކާ ކައިވެނިކޮށް، ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސޯލިހަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ "ވަން" އަށް އެކަން ކަށަވަރުކޮށްދީފައެވެ. ކަރެކްޝަން އިން ބުނީ އޭނާ މަރުވެފައިވަނީ މިއަދު ހަވީރު 4:25 ގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށާއި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކެއުމަށް އިންކާރުކޮށް ހާލު ސީރިއަސްވަމުން ދިއުމާ ގުޅިގެން ކަމަށެވެ.

ޔާސިރު މަރުވިކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށާއި އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސަވިސް އަދި އާއިލާއަށް އަންގާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

މާލޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ޔާސިރު ޔަހްޔާ ސާލިހު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާ ހައްޔަރު ކުރީ ޑީޕޯޓް ކޮށްލުމަށް ކަމަށް ބުނެއެވެ.

މިހާތަނަށް ޔާސިރުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލައިފައެއް ނުވެއެވެ. އަދި އޭނާގެ ތަހުގީގުވެސް މިހާރު ކުރިއަށް ނުދާ ކަމަށް ޔާސިރުގެ އަންހެނުންގެ އާއިލާއިން ބުނެއެވެ.

ޔާސިރު ހައްޔަރުކުރި ފަހުން އޭނާ ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުލާތެއްވެސް ކޮށްފައެވެ. ހަރުއެއްޗެއް ނުކައި ގިނަ ދުވަސްތަކެއްވުމުން އޭނާގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރިއެވެ.

އޭނާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރީ ޖަލުގައި އޭނާއަށް ދޭ ކާއެއްޗެހީގެ މައްސަލައިގައި، އާއިލާއާއެކު ކަރެކްޝަނުން ހެދި އެއްބަސްވުމަށް ކަރެކްޝަނުން އިހުމާލުވި ހިސާބުންނެވެ.