ކުޅިވަރު

ޗެލްސީ ބަލިކޮށް އާސެނަލް އިން އެފްއޭކަޕް ގެ ޗެމްޕިއަންކަން ހޯދައިފި

އައިދާ އަބްދުލް ހަކީމް

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި 2-1 އިން ޗެލްސީ ބަލިކޮށް އާސެނަލުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން 14 ވަނަ ފަހަރަށް ހޯދައި ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި ޗެލްސީން ލީޑް ނެގީ އޮލިވިއޭ ޖިރޫޑް އޭރިޔާ ތެރެއިން ޖައްސައިލި ބޯޅަ ކްރިސްޓިއަން ޕުލިސިކް ހޯދުމަށް ފަހު ކައިރީގައި ހުރި އާސެނަލްގެ ކުޅުންތެރިޔާ ކައިރިން ނައްޓާލާފައި ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ނިކޮލަސް ޕެޕޭ ގޯލަށް ވައްދާލި ބޯޅަ ކެންސަލްކުރީ އެ ހަމަލާ އުފެއްދިއިރު އާސެނަލްގެ ކުޅުންތެރިޔަކު އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

އާސެނަލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ އޮބާމިޔަން އެވެ. މިއީ ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އޮބާމިޔަން އަށް ކުރި ފައުލަކުން މެޗްގެ 28 ވަނަ މިނެޓުގައި އޮބާމިޔަން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން އަޒްޕިލިކުއެޓާ އަށް އަނިޔާވުމުން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ބަދަލުގައި އަންދްރެސް ކްރިސްޓިއެންސަން ކުޅެން އަރުވައިފަ އެވެ.

މެޗްގެ ދެ ވަނަ ހާފުގައި އާސެނަލުން ލީޑު ނެގި ލަނޑު ޖެހީ ވެސް 31 އަހަރުގެ ގެބޯންގެ ފޯވާޑް އޮބާމިޔަން އެވެ. ޕެޕޭ ދިން ޕާސް ހޯދުމަށް ފަހު ކައިރީގައި ހުރި އެންޓޯނިއޯ ރުޑިގާ ކައިރިން ނައްޓާލައި ކީޕަރަށް ފުރުސަތެއް ނުދީ އޮބާމިޔަން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ އާސެނަލަށް މި ސީޒަނުގައި އޮބާމިޔަން ކާމިޔާބުކޮށްދިން 29 ވަނަ ލަނޑެވެ.

ޗެލްސީން ކުރިއަށް ޖެހި ހަމަލާތައް އިތުރުކުރަން މަސައްކަތް ކުރި ނަމަވެސް، އެންމެ ބޮޑު ހުރަހަކަށް ވީ މެޗްގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ މަޓެއޮ ކޮވަސިޗަށް 73 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމެވެ. މެޗުގައި އިތުރު ލަނޑެއް ޖަހަން ލަމްޕާޑް ވަނީ ފަހުކޮޅު ރޮސް ބާކްލީ އާއި ކަލުމް ހަޑްސަން-އޮޑޯއީ އަދި ޓަމީ އަބްރަހަމް ކުޅެން އަރުފައިވަ އެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވެ މެޗް ވަނީ ނިމިފައެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަންކަން އާސެނަލުން 14 ފަހަރު ހޯދައި ރިކޯޑް ހެދިއިރު، އެޓީމުގެ ފަހަތުން ދެން އެންމެ ގިނަ ފަހަރު މިތަށި ހޯދީ 12 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.