ވިޔަފާރި

ވަކި ގޮތެއް އަންގަންދެން ކުނި ނަގާނީ މިހާރެކޭވެސް އެއްފަދައިން އިމާރާތުގެ ތިރިން: ވެމްކޯ

އަލީ ޔާމިން

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގެ ގެތަކުން ނަގަމުން އަންނަ ކުނި ނަގާނީ މިހާރުވެސް ގޭބިސީތަކުން ކުނި ނަގަމުން އަންނަ ގޮތަށް އިމާރާތުގެ ތިރިން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް 19ގެ ސަބަބުން މާލޭ ސަރަހައްދުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވާތީ، އެ ކޯޕަރޭޝަނުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުންގެ ރައްކާތެރިކަމާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ބެލުމަށްފަހު ކުރިންވެސް އިއުލާންކޮށްފައިވާ އުސޫލަށް ވަކި ގޮތެއް އަންގަންދެން ކުނި ނަގަމުން އަންނާނީ އިމާރާތުގެ ތިރިން ކަމަށެވެ.

އެގޮތުން އެކޯޕަރޭޝަނުން ބުނީ، މާދަމާއިން ފެށިގެން އެ ކުންފުނިން ވަކި ގޮތެއް އަންގަންދެން ގޭބިސީތަކުން ކުނި ނަގަމުން ދާނީ އިމާރާތުގެ ތިރިން ކަމަށާއި ކުނި ނެރުމަށް ހަމަޖެހިފައި ވަނީ، ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން މެންދުރުފަހު 2:00 އާ ދެމެދުގައި ކަމަށެވެ.

މީގެ އިތުރުން އިއުލާނުގައި ބުނީ، ކުނި ނެގުމަށް އެކުންފުނީގެ މުވައްޒަފުން ވަކިވަކި ފަންގިފިލާއަށް ނާރާނެ ކަމަށާއި އެހެންކަމުން ދުރާލައި ކުނި ނެނގޭނެ އިންތިޒާމު ހަމަޖައްސައިދިނުން އެދޭ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު 6:00 އާ ހަމައަށް އިމާރާތަށް ވަދެ ނުކުމެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދޭ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯއިން ވަނީ މި ހާލަތުގައި ވެސް އެ ކުންފުނީގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް އިލްތިމާސްކޮށްފައެވެ.