ވެރިކަމުގެ ކޮންމެ ނިޒާމެއް އޮތަސް، ވެރިކަން ކުރާ ފަރާތްތަކުގެ އިހުލާސްތެރިކަން ނެތިއްޔާ ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާ ކަމަށް ވިދާޅުވުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ޑިޕިއުޓީ ސޮލިސިޓާ ޖެނެރަލްކަން ކުރެއްވި އުޝާމް ވިދާޅުވީ، ވެރިކަމުގެ ބާރުތައް ލިބުމުން ކުރިން ދެއްކި ހުރިހާ ވާހަކަތައް ހަދުމަ ނެތި، ކޮންމެ ޕާޓީއަކަށްވެސް ހުދުމުހުތާރު އަމަލުތައް ކުރާ ތަން ފެނިގެންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ތެރެއިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މަޖިލިސް ރައީސް މަސައްކަތް ކުރައްވާ ކަަމަށް ތުހުމަތުކުރައްވައި މީގެ ކުރިންވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވާހަކަދައްކަވައިފައެވެ.
މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ ރައީސް ނަޝިދު އެގޮތަށް މަސައްކަތް ކުރައްވަނީ، ބަރުލަމާނީއަށް ވެރިކަން ބަދަލު ކުރުމުން، މަޖިލީހުގެ ތެރެއިން ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވޭނެތީ ކަމަށެވެ.
ނަމަވެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅައިލަން ބޭނުންވާ މެޖޯރިޓީ މަޖިލީހުގެ ތެރެއިން ރައީސް ނަޝީދަށް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު