ވިލާއެއާގެ ފްލައިމީގައި މަސައްކަތް ކުރާ ދިވެހި ޒުވާން ކެޕްޓަނެއް ކަމުގައިވާ ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަސީރު ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ރޭ އޭނާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ފްލެޓް ކައިރިންނެވެ.

ވަން އޮންލައިންއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހުޅުމާލެ ފުލެޓެއް ކައިރީގައި މީހަކު ހޭނެތިގެން ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ރޭ މެންދަމު 3:30 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެއީ 35 ހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ބުނެފައި ވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފްލައިމީއިން ވެސް ބުނީ، އެތަނުގައި ވަޒީފާ އަދާ ކުރަމުންގެންދިޔަ ކެޕްޓަން ސަނޫނު ނަސީރު ރޭ މަރުވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަނޫންގެ ހަށިގަނޑު އޮތީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ. އެއީ ކޮވިިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާތީއެވެ.

ސަނޫން، ފްލައިމީގައި މަސައްކަތް ކުރަން ފެށީ އޮކްޓޫބަރު 2013 ގަ އެވެ.