އަންނަ އަހަރުގެ އެންމެހާ އަސާސްތައް ބިނާކޮށްފައިވާނީ 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލްކުރެވޭނެ ފަދަ ގޮތަކަށް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައި މިނިސްޓަރު ވިދާޅުވީ، އެ ބަޖެޓަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ބަޖެޓެއް ކަމަށެވެ.

"މިއީ މި ދިވެހި ފަސްގަނޑުގައި އަދުލުވެރި އިންސާފުވެރި އުފެއްދުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ސަރުކާރުން އެކަށައަޅާފައިވާ މަގުޗާޓެއް" މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މިިނިސްޓަރު ހުށަހެޅުއްވި ބަޖެޓްގައި، ޖުމްލަ ހަރަދުގެ ގޮތުގައި ދައުލަތުން ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން 42.7 ބިލިޔަން ރުފިޔާ ހިމެނެނީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައެވެ.

ދައުލަތުގެ ތަރައްގީގެ މަޝްރޫއުތަކަށް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 9.9 ބިލިޔަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނައިފައެވެ.

އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

މިއީ މި ހިނގާ 2026 ވަނަ އަހަރާ އަޅައި ބަލާއިރު 1.4 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެ ކަމަށް އަންދާޒާކުރެވޭ އިރު، 2028 ވަނަ އަހަރު، 46.6 ބިލިޔަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.