މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް ހަރަދުވާނީ 11.7 ބިލިއަން ރުފިޔާ ކަމަށާއި އަންނަ އަހަރު އެ އަދަދު 4.5 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް 59.7 މިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަން ޖެހުނުއިރު މި ސަރުކާރުން އޮތީ އެކަމަށްވާންޖެހޭ ތައްޔާރީތައްވެ ހުށިޔާރުވެގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ދަރަނި ދެއްކުމަށް 10.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެ ދަރަނިތައް ދައްކާފައިވަނީ އެހެން އެއްވެސް ދަރަންޏެއް ނެގުމެއް ނެތި ކަމަށެވެ.
"އަދި މިއަހަރުގެ ނިޔަލަށް ޖުމްލަ 11.7 ބިލިއަން ރުފިޔާ ދަރަނި ދެއްކުމަށް ހަރަދުވާނެކަމަށް އަންދާޒާ ކުރެވޭ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ދަރަަނިތައް ދައްކައި ހަލާސްކުރެވުމުގެ ސަބަބުން އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި 4.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ ދަރަނީގެ ދަންތޫރައިން މުސްތަގުބަލިގެ ޖީލުތައް ސަލާމަތްކުރަން ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދަރަނިތައް ދެއްކުމުގެ ސަބަބުން ބޭރުގެ މާލީ ފަރާތްތަކުގެ އިތުބާރު ރާއްޖެއަށް ލިބި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވާ ކަމަށެވެ.
އަލީ ޔާމިން
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ކޮމެންޓް