ދައުލަތަށް އާމްދަނީ އިތުރު ކުރުުމުގެ ގޮތުން ނަގާ އެއްވެސް ޓެކްސް އެއް އަންނަ 2027 ވަނަ އަހަރު މަތި ނުކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އަންނަ އަހަރު ފައިސާ އިތުރު ކުރާނީ، ދައުލަތުގެ ޓެކްސްގެ ނިޒާމް އެފިޝެންޓް ކޮށް މިހާރު ހުރި ލޫޕްހޯލްތައް ބައްދައި ޓެކްސްގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ކުރާ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކޮށްގެން ކަމަށެވެ.

"މިގޮތުން މިއަހަރު ތައާރަފް ކުރި މޯލްޑިވްސް ގެންސްޓް އިންފޮމޭޝަން ސިސްޓަމްގެ ބޭނުން އިތުރަށް ފުޅާކޮށް، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ގެ މިންގަނޑުތަކާ އެއްގޮތަށް ޓެކުހުގެ ނިޒާމް ހަރުދަނާ ކުރުމަށް، ޒަމާނީ އީ އިންވޮއިސް ނިޒާމެއް ތައާރަފް ކުރުމަށް ވަނީ ރޭވިފަ، މި ފިޔަވަޅުތަކުގެ ސަބަބުން އިދާރީގޮތުން އާމްދަނީ ބެލެހެއްޓުން ހަރުދަނާވެ، ދައުލަތަށް ލިބެންޖެހޭ ޓެކްސްފައިސާ އެންމެ ފުރިހަމަގޮތުގައި ލިބިގެންދާނެ،"

މީގެ އިތުރަށް އާމްދަނީގެ ސިޔާަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުމަށާއި ކޮމްޕްލައިންސް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުރި ކުރުމަށްޓަކައި މޯލްޑިްވްސް ކަސްޓަމްސް ސާވިސް ގެ ފިސްކަލް މެއިންޑޭޓް ފިނޭންސް މިނިސްޓްރީގެ ބެލެހެއްޓުމުގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް، ޓެކުހުގެ ގާނޫނުތަަކަށް އިސްލާހުތައް ގެނައުމަށް މި ބަޖެޓްގައި ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.