އަންނަ އަހަރަށް ލަފާކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޒަމާންވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި މި ދަތިކަމަށް ދާއިމީ ނިމުމެއް ގެނައުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ރާއްޖޭގެ ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާނެ ކަމަށެވެ.
"މިކަމަށް ހާއްސަކޮށް 3 ބިލިއަން ރުފިޔާ 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ. މި މަޝްރޫން މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ގެނެސްދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޒަރީރު އިތުރަށް ވިދާޅުވީ އަމިއްލަ ބިން އޮވެ، އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންނަށް އަންނަ އަހަރުގެ ބަޖެޓުގައި އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމެއް ހިމެނޭނެ ކަމަށެވެ. އެ ސްކީމްގެ އިކުއިޓީ ފައިސާގެ ގޮތުގައި ދޫކުރުމަށް 750 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިކަމުގެ ސަބަބުން ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ކޮމެންޓް