ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަނުގައި މިއަދު ތިން ތަނެއް ބަންދުކޮށްފި އެވެ.
އެޗްޕީއޭ އިން ހަދައިފައިވާ މިންގަނޑަށް ނުފެތޭ ތަންތަން ދެނެގަތަމުގެ ގޮތުން ކުރިއަށް ގެންދާ އިންސްޕެކްޝަންގެ ދަށުން މިހާތަނަށް 77 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ސެލޫންތައް ހިމެނެ އެވެ.
އެޗްޕީއޭ އިން ބުނީ، މިއަދު 35 ތަނެއް އިންސްޕެކްޓް ކޮށްފައިވާއިރު އޭގެ ތެރެއިން ބަންދުކޮށްފައިވަނީ ދެ ފިހާރައަކާއި ސެލޫނެއް ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އުސޫލުތަކާ ހިލާފުވެގެން ބަންދުކުރާ ތަންތަން އަލުން އިންސްޕެކްޓް ކުރުމަށްފަހު ހުޅުވުމަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި އެއްވެސް ވިޔަފާރިއެއް ހުއްޓިފައި އޮންނަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން ކުރިން ފުރުސަތުދީ ނަސޭހަތް ދިނަސް ކުރިއަށް އޮތްތަނުގައި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް 19ގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތު ކުރުމަށްފަހު އެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކަށް އަމަލެއް ނުކުރެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު