މިދިޔަ 24 ގަޑިއިރު ތެރޭ 74 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3793 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ 19 މީހަކާއި އިންޑިއާގެ އަށް މީހެގެ އިތުރުން ސްރީލަންކާގެ މީހަކާއި ނޭޕާލްގެ މީހަކާއި ފިލިޕީންސްގެ މީހެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 39 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2607 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 1155 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި އެއްވެސް މީހަކު ނެތެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 709 މީހަކު އެބަ ތިއްބެވެ.
މިމަހުގެ ތެރޭގައި ބައެއް ރަށްރަށުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް މީހުން ފެނިފަ އެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއިން ގޮސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންދިޔަ މީހުންނެވެ. މިހާރު އެކްޓިވްސް ކޭސްތައް ހުރި ރަށްރަށަކީ ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ކަމަދޫ އެ އަތޮޅު ސީސައިޑް ފިނޮޅު، ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށި އަދި ވ. ފުލިދޫ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 11 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު