މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ މާލީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށާއި ކުރިމަގު ބަނަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ދިރާސާއަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން ކޮންމެ ކުއާޓަރަކު އެކުލަވާލައި އާންމު ކުރަމުން އަންނަ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން އެޅި ފުރަަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަން، އިމާރާތްކުރުން އަދި ހޯލްސޭލް/ރީޓެއިލް ސިނާއަތްތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު ވިޔަފާރި ދަށް ނުވާވަރަށް ހުރިހާ ސިނާއަތެއްގެ ވިޔަފާރިތައް ވެސް ވަނީ ދަށަށް ގޮސްފަ އެވެ.
ފަތުރުވެރިކަމާއި އިމާރާތް ކުރުމާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން 93 ކުންފުންޏަކުން ބައިވެރިވެގެން ހެދި މި ސާވޭ ރިޕޯޓްގައި ބުނެފައިވާ ގޮތުން ޖޫން މަހުން ފެށިގެން ފުރަބަންދުގެ ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކާއި ޖުލައި މަހުގެ މެދުތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅައިބަލާއިރު ތިން ވަނަ ކުއާޓަރުގައި ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މަސައްކަތްތައް އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.
ނަމަވެސް ސާވޭގައި ބައިވެރިވެފައިވާ ހޯލްސޭލް އަދި ރީޓެއިލް ސިނާއަތަށް ނިސްބަތްވާ ވިޔަފާރިތަކުގެ ތެރެއިން ހަތަރުބައި ކުޅަ ތިންބައި ވިޔަފާރިތަކުން ލަފާކުރާ ގޮތުގައި ތިން ވަނަ ކުއާޓަރުގައި ވެސް އާމްދަނީ ދަށްވާނެ އެވެ.
ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ބުނެފައިވާ ގޮތުން، ކޮވިޑުގެ ބަލިމަޑުކަމަށް އަންނާނެ ބަދަލުތައް އަންދާޒާ ކުރުމަކީ ވަރަށް ދަތިކަމެއް ކަމުން އެކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް އަންދާޒާ ކުރަން ދައްޗެވެ. އެ ސަބަބުތަކާ ހެދި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ބަނަކަމުގައި ފާހަގަކުރާއިރު ތިން ވަނަ ކުއާޓަރުގައި އިމާރާތްކުރުން އަދި ހޯލްސޭލް/ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށް ވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެގޮތުން، އަހަރުގެ ތިންވަނަ ކުއާޓަރުގައި އިމާރާތްކުރުން އަދި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށްވެގެންދާނެކަމަށް ލަފާކޮށްފައި ވާއިރު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރިސޯޓްތަކުގެ ބުކިންގްސް އިތުރުވާނެ ކަމަށް ލަފާކުރާ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ ނިސްބަތް، 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅައިބަލާއިރު އިތުރުވެފައި ވަނީ ކުޑަމިންވަރަކަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކާއި އަދި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ދަށްވެފައިވީ ނަމަވެސް، އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ އަގުތައް އިތުރުވެފައިވާ ކަމަށް މި ދިރާސާއިން ދައްކަ އެވެ. ކުރިމަގުގައި ވެސް އިމާރާތްކުރުމުގެ ވިޔަފާރިތަކުގެ އަގުތައް މަތިވެގެންދާނެ ކަމަށް ލަފާކޮށްފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އަގުތައް މަތިވެގެންދާނެ ކަމަށް ވެސް ލަފާކުރެ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، ކޮވިޑުގެ ސަބަބުން މާލީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ސާވޭގައި ބައިވެރިވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ވިޔަފާރިތަކުން އަންދާޒާކުރާ ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓަރުގައި މާލީ ހާލަތު އިތުރަށް ގޯސްވެގެންދާނެ އެވެ.
އަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ވަނީ ފާހަގަކޮށްފަ އެވެ. ވަކިން ހއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން، ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކޮށްފައިވާއިރު އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ސާވޭގައި ބައިވެރިވި މި ސިނާއަތްތަކުގެ ވިޔަފާރިތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި