މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 105 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯ އަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ތެލުގެ ވިޔަފާރިން ލިބުނު 629 މިލިއަން ރުފިޔާގެ އާމްދަނީ އާއި ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބުނު 669 މިލިއަން ރުފިޔާގެ އާމްދަނީންނެވެ.
އެސްޓީއޯ އިން ބުނީ ކޮވިޑް19ގެ ސަބަބުން ތެލުގެ އަގު ދަށްވުމާއި ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އެކުންފުންޏަށް ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީ މިދިޔަ އަހަރަށްވުރެ މިއަހަރު ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބޭ އާމްދަނީ މިދިޔަ އަހަރަށްވުރެ އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެގޮތުން ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބޭ އާމްދަނީގެ ބޮޑުބަޔަކީ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް އިން ލިބޭ އާމްދަނީއަށްވާއިރު، ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބޭނުންވާ މެޑިކަލް ސާމާނު ސަޕްލައި ކޮށްދިނުމަށް އެސްޓީއޯ އާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ސަބަބުން މެޑިކަލް ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސަރުކާރުން ތަރައްގީކުރާ ރީޖަނަލް ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްސް ފޯރުކޮށްދިނުމަށް ވެސް ސަރުކާރާއެކު އެއްބަސްވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯ އިން ބުނީ، ލޮކްޑައުންގެ ސަބަބުން ޒަރޫރީ ކާބޯތަކެތިން ލިބޭ އާމްދަނީ ވެސް މިދިޔަ އަހަރަށްވުރެ މިއަހަރު އިތުރުވާނެ ކަމަށެވެ. ނަމަވެސް ކޮންސްޓްރަކްޝަނާއި ހޯމް އިމްޕްރޫވްމަންޓް އަދި ސުޕަމާޓުން ވިއްކާ ތަކެތިން ލިބޭ އާމްދަނީ ވަރަށް ބޮޑުތަން ދަށްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ